ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ މިދަނވަޅަކީ ޓެކްސް ބޮޑުރަން އެންމެ ރަނގަޅު ދަނޑިވަޅު ނޫންކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓްގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކުރާ އާމްދަނީގެ ގޮތުގައި އަންނަ އަހަރު ޖެނުއަރީ އެކަކުން ފެށިގެން ނެގުމަށް ނިންމާފައިވާ ޓެކްސްގެ އާމްދަނީ ވަނީ ހިމަނާފައެވެ.
ޓެކްސް ބޮޑުކުރަން ނިންމާފައިވަނީ ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ. ފިނޭންސް މިނިސްޓްރީންވެސް ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ޓެކްސް ބޮޑުކުރުމަށް މިދަނޑިވަޅުގައި ނިންމާފައިވާ ނިންމުމާއި ގުޅިގެން އެކަމަށް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި މިއަދުގެ ބަޖެޓް ކޮމެޓީގައި މިދަނޑިވަޅުގައި ޓެކްސް ބޮޑުކުރުން ރަނގަޅު ނޫންކަމަށް އެމްއެމްއޭއިން ވިދާޅުވނީ ކީއްވެގެންތޯ މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބަށް ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެއީ ދުނިޔޭގެ އިގުތިސާދަށް ބަލާފައި ރާއްޖޭގެ ޓޫރިޒަމަށް އެކަމުން ކުރާ އަސަަރު ކުޑަވާނީ ކިހާވަރަކަށް ތޯ ވެސް ބައްލަވާފައި ވިދާޅުވާ ވާހަކައެއް ކަމަށެވެ. ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމަ އަދިވެސް ދިގުލައިގެން ދާނެ ކަމަށް ބެލެވުމާއި ޗައިނާއިން ގެންގުޅޭ "ރީޒޯ ކޮވިޑް" ސިޔާސަތު އަދިވެސް ދަމަހައްޓާނެކަމަށް ބުނެފައިވުން އެއީ އެގޮތުން ބެއްލެވި ކަންތައްތަކެވެ.
ޒީރޯ ކޮވިޑް ޕޮލިސީ ކުރިއަށް ގެންދާ ކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް ނުފެނޭ، އެހާ އަވަހަކަށް ޗައިނީޒް ޓްރެވެލެސް އަންނާނެ ކަމަކަށް. އެހެންވީމާ އަޅުގަނޑުމެންނަށް މި ފެންނަނީ އެ ދަނޑިވަޅަކީ ރަނގަޅު ދަނޑިވަޅެއް ނޫންކަން.
– ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިއެވެ.
ޓެކްސް މިދަނޑިވަޅުގައި ބޮޑު ނުކުރުމަށް އެމްއެމްއޭއިން ލަފާ ދީފައި ވީނަމަވެސް ސަރުކާރުން ނިންމާފައިވަނީ ޓެކްސް ބޮޑު ކުރުމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ޓެކްސް ރެޖީމަށް ބަދަލު ގެނެސް ޓެކްސްތައް ބޮޑުކުރުމަކީ ސަރުކާރުގެ ވިސްނުމެވެ.