ބޭންކް އޮފް މޯލްޑިވްސް އިން 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ހާމަކޮށްފިއެވެ.
މި ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 367 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ބޭންކަށް ލިބިފައިވާއިރު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 694 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ބޭންކުން ހާމަ ކޮށްފައިވާ ގޮތުގައި މިއީ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު %17 އިތުރު އަދެދެކެވެ.
ބޭންކުން ހާމަ ކޮށްފައިވާ ގޮތުގައި މި ނަތީޖާ ހާސިލް ކުރެވިފައިވަނީ އެ ބޭންކުން ކުރާ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އަދި ރަނގަޅު ލޯނު ޕޯޓްފޯލިއޯ ދެމެހެއްޓިގެން ކަމުގައެވެ. އެގޮތުން ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައިވާކަން ހާމަ ކުރައްވަމުން، ރަނގަޅު ނަތީޖާއަކާއެކު މިއަހަރު ނިންމާލެވޭނެކަމަށް އުއްމީދު ކުރެވޭކަމަށްވެސް ބޭންކުން ހާމަކޮށްފައި ވެއެވެ.
ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއެކު، މި ކުއާޓަރގައި މިވަނީ ހަރުދަނާ މާލީ ނަތީޖާއެއް ހާސިލްކުރެވިފަ. ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ދިވެހި ރައްޔިތުންނަށް އެހީވުމާއި ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމިއޮތުމަށް އަލުގަނޑުމެން ނުހަނު ބުރަކޮށް މަސައްކަތްކުރަމުންދާނަން. އަޅުގަނޑުމެން އުންމީދު ކުރަނީ މިއަހަރަކީވެސް ކާމިޔާބު އަހަރަކަށްވުން. އަދި މި ފުރުސަތުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމާއި ބޯޑު ޑައިރެކްޓަރުން ދެއްވާ އިރުޝާދާއި އެހާމެ ބުރަކޮށް މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ ޓީމަށް ޝުކުރު އަދާކުރަން.
މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވިކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަ ކޮށްފައި ވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 7،900 ޕޮއިންޓް އޮފް ސޭލް މަރޗަންޓުންނާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ބޭންކު އޮފް މޯލްޑިވްސްއިން ވަނީ ތައާރަފް ކޮށްފައެވެ.
ބޭންކު އޮފް މޯލްޑިވްސްއިން ހާމަ ކޮށްފައިވާ ގޮތުގައި އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.