ބޭސްފަރުވާއަށް އާދޭސް ކުރިއިރު އެކަމަށް އަޅާނުލާ ތިބުން ފަރުޖެއްސޭކަށް ނޯންނާނެ: ޢަލީ ޙުސައިން

ބޭސްފަރުވާއަށް އާދޭސް ކުރިއިރު އެކަމަށް އަޅާނުލާ ތިބުން ފަރުޖެއްސޭކަށް ނޯންނާނެ: ޢަލީ ޙުސައިން

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ޢަބްދުﷲ ރަޝީދު ނިޔާވުމަކީ ވަރަށް ސީރިއަސް މައްސަލައެއްކަމަށް ވިދާލުވެ އެކަމުގެ ކަންބޮޑުވުން ޤާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ފާޅުކުރައްވައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ޢަބްދުﷲ ރަޝިދު ހުއްޓާ ނިޔާވި މައްސަލައާއި ގުޅިގެން ގިނަބަޔަކު އަންނަނީ ފުލުހުންނަށް ފާޑުކިޔާ ނުރުހުން ފާޅުކުރަމުންނެވެ. މިކަމާއި ގުޅިގެން މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޢަބްދުﷲ ރަޝީދު ނިޔާވުމަކީ ވަރަށް ސީރިއަސް މައްސަލައެއްކަމަށެވެ. ބޭސްފަރުވާއަށް އެދި ގޮވާ އާދޭސް ކުރިއިރު އެކަމަށް އަޅާނުލާ ތިބެ ފަރުޖެއްސޭކަށް ނޯންނާނެކަމަށާއި، މިގޮތަށްވަނީ އެެހެން ޢަބްދުﷲ ރަޝީދެއްވެސް ނިޔާވެފައިކަމަށްވެސް މެންބަރު ވިދާޅުވިއެވެ. އަދި އެ މައްސަލައަށް އަދިވެސް އިންސާފު ނުލިބޭކަން މެންބަރު ފާހަގަކުރެއްވިއެވެ.

ހޯނޑެއްދޫއިން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް ފުލުހުން އޭނާއަށް ފަރުވާ ކުރި މަންޒަރު ނުފެންނަ ކަމަށް އާންމުން ބުންޏެވެ. އޭގެ އިތުރުން، އޭނާ ގެންދިޔައީ މާ ދުރު ރަށެއްގެ ހޮސްޕިޓަލަކަށެވެ.

މިމައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް، ފުލުހުންވަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރުމަށް އެންއައިސީއާއި، ހިއުމަންރައިޓްސް ކޮމިޝަނާއި ހަވާލު ކުރައްވާފައެވެ. މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ހިންގާ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. މިމައްސަލައަކީ އިންސާފަށް ވާސިލްވުމަށް މުހިންމު ކަމަކަށްވާތީ ތަޙުޤީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން ރަޝީދުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވާކަމަށް އެންއައިސީން ވަނީ ބުނެފައެވެ.

ނަމަވެސް އާއިލާން ބުނެފައިވަނީ ޕޯސްޓްމޯޓަމް ހައިދައިފިނަމަ ހަށިގަނޑާއި ހަވާލު ނުވާނެކަމަށެވެ. ރަޝީދުގެ ހަށިގަޑު ހޯދުމަށް އޭނާގެ އާއިލާއިން ސިވިލް ކޯޓަށްވެސް މިހާރުވަނީ މައްސަލަ ހުށަހަޅައިފައެވެ.

މިމައްސަލާގައި ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލުން ވިދާޅުވަމުންދަނީ އާއިލާގެ ރުހުމަކާއި ނުލައި ޕޯސްޓްމޯޓަށް ހެދުމަކީ ޤާނޫނު ހުއްދަ ކުރާކަމެއް ނޫންކަމަށެވެ. ޕޯސްޓް މޯޓަމްހެދޭނީ އެފަދަ އަމުރެއް ކޯޓަކުން ހޯދައިގެންކަމަށް ޤާނޫނީ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *