ފާއިތުވެދިޔަ 5 އަހަރު މިފްކޯ އަށް 1.9 ބިލިޔަން ރުފިޔާގެ ގެއްލުން

ފާއިތުވެދިޔަ 5 އަހަރު މިފްކޯ އަށް 1.9 ބިލިޔަން ރުފިޔާގެ ގެއްލުން

ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މިފްކޯ އަށް ބިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓަކުން ދައްކައިފިއެވެ.

އިއްޔެ އާންމު ކުރި މިފްކޯގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2016 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެކުންފުންޏަށް ވަނީ އެއް ބިލިއަން ރުފިޔާގެ ސާފު ގެއްލުންވެފައެވެ. މިފްކޯ ހިންގުމުގައި މިދިޔަ އަހަރުގެ ނިޔަލަށް 1.3 ބިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެހެންވެ، އެ ކުންފުނީގެ ހަރުމުދަލަށް ވުރެ ދަަރަނި ވަނީ އިތުރުވެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ ފަސް އަހަރުގެ ތެރޭގައި މިފްކޯ އަށް 6.9 ބިލިއަން ރުފިޔާގެ ފައިދާ ލިބުނެވެ. އެ މުއްދަތުގައި މަސް ގަނެ، އުފެއްދުމުގެ ހަރަދަށް 7.1 ބިލިއަން ރުފިޔާ ހޭދަ ވިއެވެ. އޭގެ މާނައަކީ ބޭރުގެ ބާޒާރަށް މަސް ވިއްކަމުން ދިޔަ އަގަށް ވުރެ ބޮޑު ހަރަދެއް، މަސް ގަތުމާއި އުފެއްދުމަށް ހޭދަކުރުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެ ރިޕޯޓުގައި ބުނީ، މިފްކޯ އަށް އެ މުއްދަތުގެ ތެރޭގައި 250 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ހިންގުމުގެ ހަރަދާއި، އެހެނިހެން ހަރަދުތަކާ އެކު ލިބުނު ސާފު ގެއްލުން އެއް ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހަރުމުދަލަށް ވުރެ ކުންފުނީގެ ދަރަނީގެ ނިސްބަތް 955 މިލިއަން ރުފިޔާއިން ވަނީ އިތުރުވެފައެވެ. ކުންފުނީގެ ހަރު މުދަލުގެ އަގު 2021 ވަނަ އަހަރާ ހަމައަށް ހުރީ 961 މިލިއަން ރުފިޔާގައެވެ. އަދި، އެ އަހަރާއި ހަމައަށް ކުންފުނީގެ ދަރަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހުރި ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޭގައި ބުނެފައިވާ ގޮތުގައި މިފްކޯ މިހާބޮޑަށް އަޑިއަޅާލާފައިވަނީ މިފްކޯއަށް މަސް ގަންނަން ސަރުކާރުން ކަނޑައަޅާފައިވާ އަގު ތަކަކީ ބޭރުގެ މާކެޓުތަކަށް މަސް ވިއްކެން ހުންނަ އަގުތަކަށްވުރެ ބޮޑު އަގު ތަކަކަށް ވުމުންނެވެ.

މަސް ގަންނަ ބައެއް ފަރާތްތަކުން އެކިއެކި ސަބަބުތަކާ ހުރެ ގަންނަ މަހުގެ ޝިޕްމެންޓުން ބައެެއް ދޫކޮށްލުމާއި ޝިޕްމެންޓުގައި ހުންނަ މަހުގެ ސައިޒާއި ބާވަތްތައް ތަފާތުވުމުގެ ގެއްލުން ލިބޭ ކަމަށް ބުނެފައި ވެއެވެ. މަހުގެ ބާވަތާއި ސައިޒު ދިމާނުވުމުގެ ސަބަބުންނާއި ކޮލިޓީ ދަށްވެގެން ބަލައިނުގަތުމުގެ ސަބަބުން 2016 ވަނަ އަހަރާއި 2021 ވަނަ އަހަރާއި ދެމެދު އެކްސްޕޯޓު ކުރި 394 ޝިޕްމެންޓަކުން ޖުމުލަ 290 މިލިއަން ރުފިޔާގެ ގެއްލުން އެކުންފުންޏަށް ވަނީ ލިބިފައެވެ.

ބޭރުގެ ކަސްޓަމަރުން ޝިޕްމެންޓުތަކާ ހަވާލުވާއިރު އެ ތަކެތީގެ ހާލަތު މިފްކޯއިން ޔަގީން ނުކުރުމާއި، މަސްދޯނިފަހަރުގައި މަހުގެ ތާޒާކަން ހިފެހެއްޓޭނެ ރަނގަޅު އިންތިޒާމެއް ނެތުމުގެ އިތުރުން އެ މީހުން އަތުން މަސް ގަންނައިރު މަހުގެ ކޮލިޓީ ދެނެގަނެވޭނެ ރަނގަޅު އިންތިޒާމެއް ނެތްކަން ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ.

އެ ކަންކަން އިސްލާހު ކުރުމަށް އޮޑިޓު އޮފީހުން ލަފާދެނީ މިފްކޯއިން ރަނގަޅު ވިޔަފާރި ސްޓްރެޓެޖީއެއް އެކުލަވާލައި، މަސް ގަންނަ އަގު ކަނޑައަޅާއިރު އަމިއްލަ ވިޔަފާރިތަކާއި، ދުނިޔޭގެ ބާޒާރަށް ވިސްނައިގެން އަގު ކަނޑައެޅުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *