ދުނިޔޭގެ ބާޒާރުގައި މުދަލާއި، ތަކެތީގެ އަގު އުފުލެމުންދާ މިދަނޑިވަޅުގައި، އެކަމުގެ ނުރަނގަޅު ރާއްޖޭގެ އިޤްތިޞާދަށްކޮށް ރާއްޖޭގެ އިގްތިސާދީ ގާބިލްކަން ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެދާނެ ކަމަށްވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން މިއަދު ނެރުނު ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސްއާ އެކު ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް(އެމްޑީޔޫ)ގައި ރާއްޖެއާއި ގުޅޭގޮތުން ބުނެފައިވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 12.4 ޕަސަންޓްގައި ކަމަށެވެ. މިއީ ކުރިން ލަފާކުރި އަދަދަށްވުރެ 4.8 ޕަސަންޓް އިތުރު އަދަދެކެވެ. އަދި 2023-2024 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 8.1 ޕަސަންޓްގައި ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އަދި ޖީޑީޕީ ކުރިއަރާ މިންވަރު 2023-24 ގެ މުއްދަތުގައި އެވްރެޖްކޮށް 8.1 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ޓޫރިޒަމުން އިގްތިސޯދީ ހަރަކާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭތީ ކަމަށް ބުނެފައި ވެއެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުންރާއްޖޭގެ އެތެރޭގެ އިންފްލޭޝަނާއި ސަރުކާރުގެ މާލީ ހާލަތާއި ބެލެންސް އޮފްޕޭމަންޓްސްއަށް އޮތް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް ވޯލްޑް ބޭންކް އިން ބުނެފައި ވެއެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ހަރަދުތައް ހުންނާނީ މަތީ މިންވަރެއްގައި ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގެ ތަރައްގީއަށް ބޭރުން ބޮޑެތި އަދަދުތަކުން ލޯން ނަގައިގެން ކުރާ ހަރަދުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވާނެތީ އާއި ތެލާއި ކާޑަށް އާންމުކޮށް އެންމެންނަށް ލިބޭ ގޮތަށް ދައުލަތުން ސަބްސިޑީ ދޭތީ ދައުލަތުން ކުރާ ރިކަރަންޓް ހަރަދު އިތުރުވުމަކީ ރާއްޖޭގެ އިގްތިސާދަށް ލޮޅުމެއް އަތުވެދާނެ ކަންތައްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގައި އަންނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމަށްވެފައި އެކަމާ ގުޅުވައިގެން ސަރުކާރުން ކުރާ ހަރަދު އިތުރުވެދާނެތީ އެކަމުގެ ސަބަބުން އިގްތިސާދަށް މައްސަލަތަކެއް ކުރިމަވެދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެކަމަކު ރާއްޖޭގައި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަންވެސް ފާހަގަކޮށްފައިވެއެވެ.
އިޤްތިޞާދީ ގޮތުން އަންނަ ލޮޅުން ތަކުން އަރައި ގަތުމަށް ސަރުކާރުންވަނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައެވެ. ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ފިނޭންސް މިނިސްޓްރީންވެސް ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.