ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ބިޑް އުސޫލުން ށ.ކޮމަންޑޫފައި 30 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާ މިމަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

ކޮމަންޑޫއަށް ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ މި މައްސަލަ ހައްލުކޮށްދިނުމަކީ ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިޙްގެ ވައުދުފުޅެކެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބިޑުގައި ބައިވެރި ވެވޭނީ ހައުސިން މިނިސްޓްރީގ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމުގައެވެ.

ބީލަން ބަލައި ގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މެއި މަހުގެ 19 ވަނަ ދުވަހަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. ބީލަން ހުޅުވުން އޮންނާނީ 23 މޭ 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ށ.ކޮމަންޑޫގައި ހަތަރު ފަސް ކުދިން ހިމެނޭ ޢާއިލާތައް އެއްކޮޓަޓީގައި ދިރިއުޅެ އެގޮތުގައި އެތައް ޖީލެއް ވަނީ ބޮޑެތިވެފައެވެ. މީގެ ސަބަބުން ރަށުގައި އިޖުތިމާޢީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަމަށް ކޮމަންޑޫ ކައުންސިލުން ފާހަގަކުރައްވައެވެ. މިކަންކަމަށް ޙައްލެއް ގެނެސްދިނުމަށް ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅާލާ ކޮމަންޑޫ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމަވާ އެކަން އެމްޓީސީސީއާއި ޙަވާލުކުރައްވާފައެވެ.

ސަރުކާރުން ގެންދަނީ އަތޮޅު ތެރޭގައި ބޯހިޔާ ބަހިކަމުގެ މައްސަލަ ހުރި ގިނަ ރަށްތަކުގައި ހައުސިން މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ޅ.ކުރެންދޫއާއި، ހއ. ދިއްދޫގައި ހައުސިން މަޝްރޫޢުތަކެއް އެޅާނެ ބަޔަކު ހޯދުމަށް ވަނީ ހުޅުވާލާފައެވެ. އަދި ބައެއް ރަށްތަކުގައި ކުރިއަށްދާ ހައުސިން މަޝްރޫޢުގެ މަސައްކަތްތައް ނިންމައި ކައުންސިލްތަކާއި ވަނީ ހަވާލުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *