މައުމޫން މިހެން ވިދާޅުވެފައިވާއިރު، ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ބިދުއައެއް ކަމަށް ބުނެ ބައެއް ދީނީ އިލްމުވެރިން ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.
ރައީސްގެ މައުމޫންގެ ލިޔުއްވުމެއް ހިއްސާކުރައްވައި، މައުމޫން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ބިދުއައެއް ނޫން ކަމަށާއި އެއީ މަކްރޫހަ ކަމެއް ވެސް ނޫން ކަމަށެވެ. އަދި އެއީ މުސްލިމުން ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ. ރައީސް މައުމޫން ހިއްސާކުރެއްވި ލިޔުއްވުމުގައި މައުމޫން ވިދާޅުވީ ޒަމާނުއްސުރެ އިސްލާމީ ގައުމުތަކުގައްޔާއި ރާއްޖޭގައި މި ދުވަސް ފާހަގަކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް ބިދުއައެއް ކަމަށް ބުނެ ރާއްޖޭގައި މި ދުވަސް ފާހަގަ ނުކުރާ ކަމަށެވެ.
މިއީ މާ ބޮޑު ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަން ފާހަގަކުރައްވާ މައުމޫން އިތުރަށް ވިދާޅުވީ މި ދުވަސް ފާހަގަކުރުމަކީ ހަރާމްކަމެއް ކަމަށް ބުނާ އެއްވެސް އާޔަތެއް ގުރުއާނުގައި ވެސް ނެތް ކަމަށާއި އެފަދަ ދަލީލެއް ރަސޫލާގެ ސުންނަތުގައި ވެސް ނެތް ކަމަށެވެ. އެހެންކަމުން މި ދުވަސް ފާހަގަކުރުމަކީ ހަރާމް ކަމެއް ކަމަށް ބުނާނެ އެއްވެސް ދަލީލެއް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ބިދުއަ ކަމުގައި ބަލަންޖެހޭނީ ޝަރުއީ އުސޫލުތަކާއި ޚިލާފަށް އަލަށް އުފައްދާ ކަންކަމަށެވެ. އަދި އެކަމަކީ ކުރިން ކުރެވިފައިވާ ކަމަކަށް ނުވިއަސް އެކަމަކީ ޝަރުއީ ހުކުމްތަކަށް ފުށު ނާރާ ގޮތަށް މުޖުތަމައަށް މަންފާ ކުރަނިވި ކަމެއް ކަމުގައިވާނަމަ އެކަމެއް ބިދުއަ އަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖަައްސާފައެވެ. އަދި އެދުވަހާއި ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާ ޚިތާބު ދެއްވައި ރަސްމީ ޖަލްސާ ވެސް ބާއްވައެވެ.