އަބުރު ނަގާލައި ސިއްރު އާއްމުކުރުމަކީ ފަސާދަ އާންމުވާނެ ކަމެއް: ޚުތުބާ

އަބުރު ނަގާލައި ސިއްރު އާއްމުކުރުމަކީ ފަސާދަ އާންމުވާނެ ކަމެއް: ޚުތުބާ

އެއްބަޔަކު އަނެއް ބައެއްގެ އަބުރު ނަގާލުމާއި، ސިއްރުތައް ހާމަކުރުމަކީ ބިމުގައި ފަސާދަ އާންމުވާނެ ކަމެއް ކަމަށާއި، އެފަދަ މީހުން ސުވަރުގެ ނުވަންނާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނެފައިވަނީ ގައުމެއްގައި އޮންނަ އެކުވެރިކަމާއި، އުޚުއްވަތްތެރިކަމުގެ ފޭރާން، ގައުމު ބައިބައިވެއްޖެ ނަމަ، ދެން އަލުން ކުރީގެ ހާލަތަށް އެނބުރި ދިއުމަކީ އުދަނގޫ ކަމެއް ކަމަށެވެ. އަދި ލީބިޔާ، އިރާގު، އަފްޣާނިސްތާން، ސީރިޔާ އަދި ސޯމާލިޔާ ގައުމުތައް މިސާލެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މަޝްވަރާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވާފައި ވަނީ، ކަމުވޮށިވެގެންވާ މީހުންގެ މެދުގައި މަޝްވަރާ ކޮށްގެން ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ ކަންކަމާ ހަވާލުވެފައިވާ މުއައްސަސާތަކުގެ ވެރިންނާ މަޝްވަރާ ކުރުމަށް ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަބަދުވެސް ލޭއޮހޮރުވުމާއި، ބައިބައިވުމާއި، ދެކޮޅުވެރި އަމަލުތައް ހިނގާ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ފިތުނަތަކާއި، މަގާމާއި، ނުފޫޒާއި، ޖާހަށްޓަކައި، ހަނގުރާމަ ކުރުމާއި، އެއް ބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މިފަދަ ފިތުނަވެރި ކަމެއްގެ ތެރެއަށް ދުނިޔެ ވަންނަ ކޮންމެ ދުވަސްވަރެއްގައި، ރާއްޖެއަށް މި ކަންކަމުގެ އަސަރު ފޯރިޔަ ނުދީ ވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ނޫން ނަމަ، ގައުމުގެ އެއްބައިވަންތަކަމާއި، ކުރިއެރުމާއި، އިޤްތިޞާދު ހަލާކުވެދާނެ ކަމަށެވެ. ބުއްދީގެ އަހުލުވެރިން އެ ފަދަ ނުރައްކާތެރި، ގެއްލުންހުރި، ފިތުނައިގެ ތޫފާނެއްގެ ތެރެއަށް ވަނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މުސްލިމުން ވާންވާނީ އަބަދު ވެސް އިސްލާހަށާއި، ސުލްހަވެރިކަމަށް މަސައްކަތް ކުރާ ބަޔަކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *