އަލީ ވަހީދު 2 މަހާއި، 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

އަލީ ވަހީދު 2 މަހާއި، 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

ކޯޓަށް ހާޒިރުނުވުމުން އަލީ ވަހީދު 2 މަހާއި، 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. އަލީ ވަހީދަށް ހުކުމް ކޮށްފައިވަނީ ސްޕްރީމް ކޯޓުގައި މިއަދަށް ދިޔަ އަޑުއެހުމުގައެވެ.

ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގައި ޢަލީ ވަހީދު ބައިވެރިވެޑައިގަންނަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށެވެ. މިގޮތަށް ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ވަނީ ނިންމާފައެވެ. އެކޯޓުން އެ ގޮތަށް ނިންމާފައިވަނީ ބޭސް ފަރުވާގެ ކަންކަން ނުނިމޭކަމަށް ވިދާޅުވެ އެކޯޓަށް ސިޓީއަކުން ހުށައެޅުމުންނެވެ.

އޭނާ އެނބުރި ވަޑައިނުގަތަސް، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ އެދުމުގެ މަތިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު އޭނާ އަށް ދީފައެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެމައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ސްޕްރީމް ކޯޓުގައެވެ.

ސްޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދަށް އަމުރުކުރުމުންވެސް އޭނާ ހާޒިރުވެފައި ނުވެއެވެ. ހުކުމް އިއްވުމުގެ ކުރިން މިމައްސަލަ ބެއްލި ފަނޑިޔާރުންގެ ބެންޗުން ވާހަފުޅު ދައްކަވަމުން އުޘްތާޒު ހުސްނުއް ސުއޫދު ވިދާޅުވީ، އަލީ ވަހީދު ފުރާފައިވަނީ އޭނާގެ މައްޗަށް ދައުވަތަކެއް އުފުލިފައިވަކަން އެނގިހުރެ އޭނައާއި ގުޅޭނެ ގޮތެއް އަދި ފުރައިގެންދަ ތަނުގެ ތަފްސީލެއް ކޯޓަށްވެސް އަދި އެއްވެސް ފަރާތަކަށްވެސް ނުދީކަމަށެވެ. އަދި އޭނާ ބޭރަށް ދިއުމުން ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ އޭނާ ޖާމިނުކޮށްދިން މީހާއަށްވެސް އޭނައާއި ގުޅޭނެ މައުލޫމާތެއް ހިއްސާކޮށްފައި ނުވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދިނުމުން މިމައްސަލަ ބެލުމަށް ހުރަސް އެޅިފައިވާކަމަށެވެ.

އަދިހަމަ އެހެންމެ ސްޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދު ހާޒިރުވުމަށް ކޮށްފައިވާ އަމުރަށް ތަބާވެފައި ނުވާއިރު، ޤާނޫނު އަސާސީއާއި ގާނޫނުތައް ނެގެހެއްޓުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތަކަށްވާއިރު، އެކަން ސްޕްރީމްކޯޓުން ދަމަހައްޓާނެކަމަށެވެ. އަދި ހަމައެހެންމެ ޤާނޫނުތަކާއި، ގަވާއިދުތަކަށް އަމަލުކުރުމަކީ ރާއްޖޭގައި ދިރިއުޅޭ މީހުންނާއި، ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއްކަމަށްވާއިރު، ވަކި މީހެއް ފަރަގު ނުކޮށް ހަމަހަމަ ކަމާއިއެކު އެންމެންނާއިމެދު އަމަލުކުރާނެކަމަށް ސުއޫދު ވިދާޅުވިއެވެ.

ބޭސް ފަރުވާއަށްކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *