ސަރުކާރު ހިންގާ މައި ޕާޓީގެ ދާއިރާކާއި ކޮމިޓީތަކުގެ ބަޔާންތައް ސަރުކާރާ ދެކޮޅަށް!

ސަރުކާރު ހިންގާ މައި ޕާޓީގެ ދާއިރާކާއި ކޮމިޓީތަކުގެ ބަޔާންތައް ސަރުކާރާ ދެކޮޅަށް!

އަދުގެ ސަރުކާރުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ އެކިއެކި ކޮމިޓީތަކާއި ޕާޓީގެ ދާއިރާކުން، ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެ ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށް ނެރުއްވި ބަޔާނަށް ތާޢީދުކޮށް ސަރުކާރާއި ދެކޮޅަށް ބަޔާންތައް ނެރެންފަށައިފި އެވެ.

އެމްޑީޕީގެ މައިގަނޑު އަސާސްތައް ދިފާޢުކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން ބާރުއެޅުމަށް އެމްޑީޕީގެ ރައީސް ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ތާއީދުކޮށް ކަމަށްބުނެ ފުރަތަމަ ބަޔާންތައް ނެރެފައިވަނީ ޕާޓީގެ ކޮމިޓީތަކުންނެވެ. އެގޮތުން ޒުވާނުންގެ ހިތްވަރާއި އަންހެނުންގެ ރޫހުން ވަނީ ނަޝީދުގެ ވާހަކަފުޅުތަކަށް ތާޢީދުކޮށް ބަޔާން ނެރެފަ އެވެ.

އެއަށްފަހުން މިހާރު ފެނިގެންދަނީ ޕާޓީގެ އެކި ދާއިރާތަކުން މިފަދަ ބަޔާން ނެރެން ފަށާފައިވާ މަންޒަރެވެ. އެގޮތުން މިހާތަނަށް ށ.މިލަންދޫ ދާއިރާ، މާފަންނު އުތުރު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، ވިލިމާލެ ދާއިރާ އަދި ގަލޮޅު ދެކުނު ދާއިރާއިން ވަނީ ސަރުކާރާ ދެކޮޅަށް ބަޔާން ނެރެފަ އެވެ.

މި ބަޔާން ތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ، ޒަމާނުއްސުރެއް އެމްޑީޕީން ދިވެހި ރައްޔިތުންނަށް ހުށަހެޅި ކަންތައްތަކާއި، އެމްޑީޕީން ގަބޫލުކުރަމުންދާ އަސާސްތައް ސަރުކާރުން ޚިލާފް ވެފައިވާކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދީ، އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށް ކޮމިޓީ ތަކާއި ދާއިރާތަކުން ނެރޭ ބަޔާންތަކުގައި ވަނީ ބުނެފަ އެވެ.

ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ އާއި ޔާމީން ރަޝީދު އަދި ޑރ.އަފްރާޝީމް ޢަލީ އަނިޔާވެރިގޮތަކަށް މަރާލާއި، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ، ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި ‘ލޭބަލް’ ތަކެއް އަޅުވައި، އެމީހުންނާއިމެދު މުޖުތަމަޢުގައި ނަފްރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު، އެމް.ޑީ.ޕީ.ގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤާނޫނުލްއުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަމަށް މި ބަޔާންތަކުގެި ބުނެފައިވެއެވެ.

ނަމަވެސް، ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެމްޑީޕީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް މި ބަޔާންތަކުގައި ވަނީ ބުނެފައެވެ.

އަދި ރާއްޖެއަކީ އަމާން ވެއްޓެއް ޤާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި، ވަގުތީ ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ އަސަސީ ޙައްޤުތައް ހިމާޔަތްކުރުން އިސްކޮށް، އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށާއި، ޕާޓީގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކޮށް ޕާޓީގެ މައިގަނޑު އަސާސްތައް ދިފާޢު ކޮށްދިނުމަށް އެމްޑީޕީގެ ކޮމިޓީތަކާއި ދާއިރާތަކުން ސަރުކާރަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *