ބޮޑު ޗުއްޓީއެއް: ޢީދު ބަންދަށްފަހު ސަރުކާރު ހުޅުވޭނީ އަންނަ މަހު 1 ގައި

ބޮޑު ޗުއްޓީއެއް: ޢީދު ބަންދަށްފަހު ސަރުކާރު ހުޅުވޭނީ އަންނަ މަހު 1 ގައި

މިމަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވާފައި ވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުންކަމަށް ރާއީސް އޮފީހުން ބުނެއެވެ. އަދި މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، 2021 އޮގަސްޓު 1 ވާ އާދީއްތަ ދުވަހުގައެވެ.

މިއަހަރުގެ ޙައްޖު ދުވަހަކީ މި ހިނގާ ޖުލައިމަހުގެ 19 ވަނަ ދުވަސް ކަމަށްވުމާއި އެކު މީގެކުރިން ރައީސް އޮފީހުން ބުނެފައި ވަނީ، މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ޢީދު ބަންދާއި މިނިވަން ދުވަހުގެ ބަންދު ހިމެނޭހެނެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވި ނިންމެވުމާއި އެކު، މިހަފްތާގެ ބުރާސްފަތި ދުވަހަށްފަހު އަންނަ ހަފްތާ ބަންދާއިއެކު މިމަސް ނިމެންދެން ސަރުކާރު ބަންދުވާނެ އެވެ.

އެންމެންގެ ރައްކާތެރިކަމަށްޓަކައި ކުރިއަށް އޮތް އީދު ބަންދާއި ބޮޑު ޗުއްޓީގައި ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވާފައެވެ. ކޯވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި އެކި އެކި ޚިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައާއި ދަތުރު ފަތުރުކުރުމުގައި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށާއި އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ޙަރަކާތްތައް އިޚްތިޔާރުކުރުމާއެކު، އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *