ޤައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެއްޖެ: އަދާލަތު

ޤައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެއްޖެ: އަދާލަތު

ދިނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުން ވަކިކުރި ކުރުމުން ޤައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެއްޖެ ކަމުގައި އަދާލަތު ޕާޓީން ބުނެފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައި ހުންނެވި ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޢިޔާސް ޢަބްދުއްލަޠީފް، އެ ޔުނިވާސިޓީން ވަކިކުރުމާ ގުޅޭގޮތުން ޤައުމީ ޔުނިވަރސިޓީން މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފާ މެދު އެޅި ފިޔަވަޅަކީ، އެފަދަ މަޤާމެއްގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ޢިލްމީ ވެއްޓަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ދިވެހި ރައްޔިތުންގެ އިޙްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާމެދު، ޢަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއްކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް އެފަދަ ސަބަބެއްވެސް ޙާލަތެއްވެސް ނެތި މިފަދަ ފިޔަވަޅުތައް ދީނީ ޢިލްމުވެރިންނާމެދު އެޅުމަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ބަލައިގަންނަ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ޑރ. މުޙައްމަދު ޢިޔާޟް ވަކިކުރުމަށް ނިންމި ނިންމުން ކުށްވެރިކުރާ ޙާލު އެނިންމުން ބާޠިލުކޮށް އެމަނިކުފާނު ކުރިން ހުންނެވި މަޤާމަށް އަނބުރާ އިޢާދަކުރުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.

އިސްލާމްދީނަކީ ސާދަ ޤަރުނަށްވުރެ ދިގުދެމިގެން ގޮސްފައިވާ ޙަޟާރަތެއްގެ މައްޗަށް ބިނާވެފައިވާ ދީނަކަށް ވާއިރު، މި ޙަޟާރަތުގެ އެންމެ އަސާސީ ބުންޔާދަކީ ވޭތުވެދިޔަ ދިގު ތާރީޚުގައި ކުރެވިފައިވާ ޢިލްމީ ބަހުސްތަކާއި ހޯދިފައިވާ ހޯދުންތަކާއި ކުރެވިފައިވާ އީޖާދުތައް ކަމަށްވެފައި، އިސްލާމީ ޝަރީޢަތުގެ ފަރުޢީ ބައެއް މައްސަލަތަކާ ގުޅޭގޮތުން އިލްމުވެރިންގެ މެދުގައި ބަހުސްތައް ހިނގާފައިވާއިރު، އަދި އެބަހުސްތަކަކީ ޙައްޤަށް ވާސިލުވުމަށްޓަކައި ކޮންމެހެން ލާޒިމު ވެފައި އަދި މިފަދަ ގިނަ ބަހުސްތަކަކީ މެދުކެނޑުމެއް ނެތި ހިނގަމުންދާ ބަހުސްތަކަކަށް ވާތީ، މިފަދަ ޢިލްމީ ބަހުސްތަކާ ގުޅޭ ޙަޤީޤަތެއް ބަޔާންކުރުމަކީ، އެކަން ބަޔާންކުރާ ޢިލްމުވެރިއަކު އެ ރައުޔަކަށް ބުރަވާކަން ދޭހަކޮށްދޭ ކަމެއް ނޫންކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިސްލާމީ ޝަރީޢަތުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާއެކު ކުރެވޭ ޢިލްމީ ބަހުސްތަކާއި މުނާޡަރާތަކަށް އޮންނަންޖެހޭ ތަނަވަސް ޖާގަ ގެއްލިގެން ހިނގައިދާނެކަމަށާއި، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ދެކޭގޮތުގައި، މުޙައްމަދު ޢިޔާޟުއާ މެދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް އިޔާޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއްކަމަށެވެ. 

މި ކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރުކަމަށާއި، އަދި މިކަމުގެ ފަހަތުގައިވަނީ ވަކި ފަރުޢީ މައްސަލައަކާމެދު ޑރ. މުޙައްމަދު ޢިޔާޟު ޝުޢޫރެއްނޫންކަމަށާއި، މިއީ އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ޤައުމުގެ ސިޔާސަތު ކަނޑައެޅުމާއި ދާއިރާތަކުން އިސްލާމްދީނުގެ ޢިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން ހިންގާ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދާލުތު ޕާޓީން ވަނީ ސިފަކޮށްފައެވެ. 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *