މަޖިލީހުން ޤާނޫނުތައް ހަދައިދީފިން، އިންސާފެއްވެސް، އަދުލުވުރިކަމެއްވެސް ޤާއިމެއްނުވި: މީކާއިލް

މަޖިލީހުން ޤާނޫނުތައް ހަދައިދީފިން، އިންސާފެއްވެސް، އަދުލުވުރިކަމެއްވެސް ޤާއިމެއްނުވި: މީކާއިލް

ރައްޔިތުންގެ މަޖިލީހުން ސަރުކާރުން ބޭނުންވި ގޮތަށް ބޭނުންވި ކޮންމެ ޤާނޫނެއް އިސްލާހުކޮށް، ޤާނޫނުތައް ހަދައިދީފައި ވަކަމަށާއި، ނަމަވެސް މިހާތަނަށް ޤާނޫނުތަކުން ހާސިލްވި ނަތީޖާއެއް ނުފެންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މީގެ ކުރިންވެސް މަޖިލިސް ޗުއްޓީއަށް ނުގޮސް ޓެރަރިޒަމްގެ ޤާނޫނަށް ބޮޑެތި އިސްލާހުގެނެސް ބާރުތައް މުއައްސަސާތަކަށް ދިންކަމަށެވެ. ނަމަވެސް އޭގެ ފަހުންވެސް ފެނިގެން މިދަނީ ނުރައްކާތެރި އެތައްކަމެއް ހިންގައި، ނުރަނގަޅު އެތައްކަމެއް ޤައުމުގައި އާންމުވަމުންދާ މަންޒަރުކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް އަލި އަޅުވާލަމުން މީކާއިލް ވިދާޅުވީ މަޖިލީހުގެ ރައީސަށް ދިން ހަމަލާއިން ރާއްޖޭގެ އެއްވެސް ރައްޔިތަތަކަށް އަމާންކަމެއް ނެތްކަން ވަރަށް ރަނގަޅަށް ސާފުވާކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ސަރުކާރުން ބޭނުންވި ކޮންމެ ޤާނޫނެއްވެސް ބޭނުންވި ގޮތަށް ބޭނުންވި ބާރުތަކާއިއެކު އިސްލާހުކޮށް ދީފައިވާކަމަށެވެ. އެގޮތުން މަރުތަކާއި ބެހޭ ކޮމިޝަން އުފައްދައި، އެކޮމިޝަނަށް މަރުގެ މައްސަލަ ބަލަންވެސް ބާރުދިން ކަމަށެވެ. ހަމަ އެފަދައިން ވައްކަމާއި ކޮރަޕްޝަންގެ މައްސަލަ ބަލަންވެސް ކޮމިޝަން ހަދައި ޤާނޫނީ ބާރުވެރިން ދީފައިވާކަމަށެވެ.

ނަމަވެސް މިއަދު ފެނިގެންދަނީ މިއިން އެއްވެސް ކޮމިޝަނަކަށްވެސް އެއްވެސް މަސައްކަތެއް ނުކެރެވި މަރުތަކުގެ މައްސަލަތަކުގައި ހިތްދަތި ވޭނުގައި ތިބި އާއިލާތަކަސްވެސް އިންސަފު ނުލިބޭ މަންޒަރުކަމަށެވެ. މި ކޮމިޝަންތަކުން ކުރާ އެއްވެސް މަސައްކަތެއް ފެންނަން ނެތްއިރު، މިހާތަނަށް ކޮމިޝަންތަކަށް ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށް މީކާއިލް ވިދާޅުވިއެވެ. މީކާއިލް ވިދާޅުވީ މިފަހަރު ޓެރަރިޒަމްގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހު ބޭނުންވާ ގޮތަށް މަޖިލީހުން ފާސްކޮށް ދިން ކަމުގައި ވީނަމަވެސް ކަންކަން ހާސިލް ވެދާނެކަމަށް އުންމީދު ނުކުރާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *