މިއަހަރުގެ މިހާތަނަށް 360،000 ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް 360،000 ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 360،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުވަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލިފަހުން އެއް މަހެއްގައި ލައްކަ އަކަކަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖޭން މަރުހަބާކީ ފުރަތަމަ މަހަކީ ނިމިދިޔަ މާރިޗު މަހެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މަހުން މަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 360،598 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %5.8 ދަށްވުމެކެވެ.

މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެ އައިސްފައިވަނީ 92،103 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 96،882 ފަތުރުވެރިން ރާއްޖެ އައިއިރު މާރޗް މަހު 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މާރޗް މަހު ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 109،585 ފަތުރުވެރިންނެވެ. އަދި މިމަހުގެ ފުރަތަމަ 19 ދުވަހު ރާއްޖެ އައިސްފައިވަނީ 62،028 ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާރު އަންނަނީ އިންޑިއާއިންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ %22.7 އަކީ އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންނެވެ. %21.3 އާއިއެކު 2 ވަނައިގައި އުޅެނީ ރަޝިއާއެވެ. އަދި 3 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރެއިނުންނެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ %5.6 އެވެ.

ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ 708 ތަނެއް ވަނީ އަލުން ހުޅުވާފައެވެ. މިއާއިއެކު މިހާރު ފަތުރުވެރިންނަށް ޚިދުމަތްދެމުން އަންނަ އެނދުގެ އަދަދަކީ 46،809 ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *