މިއަހަރު ރާއްޖެއަައި ފަތުރުވެރިންގެ އަދަދު 340000 އިން މައްޗަށް

މިއަހަރު ރާއްޖެއަައި ފަތުރުވެރިންގެ އަދަދު 340000 އިން މައްޗަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 3،40،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 10 އިންސައްތަ ދަށް އަދަދެކެވެ. ކޯވިޑާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވީ ނަމަވެސް އަހަރުގެ މިހާ ހިސާބަށް އައި އިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ މަހަކަށްވުރެ މަހެއް އިތުރުވަމުންނެވެ.

ކޯވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލިފަހުން އެއް މަހެއްގައި ލައްކަ އަކަކަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖޭން މަރުހަބާކީ ފުރަތަމަ މަހަކީ ނިމިދިޔަ މާރިޗު މަހެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަނަވަރީމަހު ރާއްޖެއަށް އައިސްފައިވަނީ 92103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު 96882 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މާރޗްމަހު މި އަދަދުވަނީ 109585 އަށް އަރާފައެވެ. އަދި މިމަހުގެ ފުރަތަމަ 13 ދުވަހު ރާއްޖެއަށް 44262 ފަތުރުވެރިން އައިސްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 2971 ފަތުރުވެރިން ވަނީ އައިސްފައެވެ. ފެބްރުއަރީމަހު 3460 ފަތުރުވެރިން ރާއްޖެ އައިއިރު މާރޗްމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 3535 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން ރާއްޖެއަށް އަހަރުގެ މިހާތަނަށް އައި ފަތުުރުވެރިންގެ 22.8 އިންސައްތަ ހިއްސާކުރަނީ އިންޑިއާ ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ %21 އެވެ. 3 ވަނައިގައި ޔޫކްރެއިން އުޅޭއިރު 4 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *