ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތު (ވިޝް 8) ގެ އަށްވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ޤަޠަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންފިއެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ދެންނެވީ ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ޑިޕާޓްމަންޓް އޮފް ޕްރޮޓޮކޯލްގެ ޑިރެކްޓަރު، ސަފީރު އިބްރާހީމް ބިން ޔޫސުފް ޢަބްދުالله ފަޚްރޫއާއި، ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް ޢުމަރެވެ.
މެޑަމް ސާޖިދާ މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ ޤަޠަރު ފައުންޑޭޝަންގެ ޗެއަރޕަރސަން، ޝެއިޚާ މޯޒާ ބިންތު ނާޞިރުގެ ރަސްމީ ދަޢުވަތަކަށެވެ.
މި ދަތުރުފުޅުގެ ތެރެއިން، "ގްލޯބަލް ހެލްތް ބިޔޯންޑް 2030: އިމަރޖިންގ ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވަރސް" ގެ ނަމުގައި ބާއްވާ މަތީ ފަންތީގެ ރައުންޑްޓޭބަލް މަޝްވަރާ ބައްދަލުވުމުގައި އެކަމަނާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އެކި ޤައުމުތަކުގެ ޢިއްޒަތްތެރިންނާ އެކަމަނާ ބައްދަލުކުރައްވާނެއެވެ.
ޤަޠަރު ފައުންޑޭޝަނުން އިންތިޒާމުކުރާ ވިޝް ސަމިޓަކީ، ދުނިޔޭގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ މުހިންމު ގޮންޖެހުންތަކާއި މައްސަލަތަކަށް ޙައްލު ހޯދުމަށާއި ޢަމަލީ ސިޔާސަތުތައް އެކުލަވާލުމަށްޓަކައި ބާއްވާ ބައިނަލްއަޤްވާމީ މުހިންމު ޕްލެޓްފޯމެކެވެ. މި ސަމިޓުގައި ދުނިޔޭގެ ޞިއްޙީ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، އައު އީޖާދުތައް ގެންނަ ފަރާތްތަކާއި، އެކަޑެމިކް ދާއިރާގެ ބޭފުޅުން އަދި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް މަޝްވަރާކުރެވޭނެއެވެ.






