މަޑަވެލީ ކައުންސިލްގެ ތުހުމަތެއް: ތިނަދޫ ރަޖިސްޓްރީގައި 145 މަޑަވެލީ ރައްޔިތުން ހިމަނާފައިވޭ

މަޑަވެލީ ކައުންސިލްގެ ތުހުމަތެއް: ތިނަދޫ ރަޖިސްޓްރީގައި 145 މަޑަވެލީ ރައްޔިތުން ހިމަނާފައިވޭ

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި، ގދ. މަޑަވެލީގެ 145 މީހަކު އެ މީހުންނަށް ނޭނގި ތިނަދޫ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށް ބުނެ، މަޑަވެލީ ކައުންސިލުން ބޮޑު ތުހުމަތެއް ކޮށްފިއެވެ.

މަޑަވެލީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ލިބޭނީ ރަށެއްގެ އާބާދީގައި 10,000 މީހުން ހަމަވުމުން ކަމަށާއި، ތިނަދޫން ސިޓީގެ ދަރަޖަ ހޯދަން ރަށްވެހިންގެ ރަޖިސްޓްރީއަށް 10,000 ހަމަކޮށްފައިވަނީ އޮޅުވާލައިގެން ކަމަށެވެ.

ބަޔާނުގައި ބުނާ ގޮތުން، ތިނަދޫ ރަށްވެހިންގެ ރަޖިސްޓްރީގައި މަޑަވެލީގެ 145 މީހެއްގެ ނަން ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ތިނަދޫގައި ދިރިއުޅޭ މީހުންނާއި، އެހެން ރަށްރަށުގައި ދިރިއުޅޭ މަޑަވެލީގެ ރައްޔިތުންގެ އިތުރުން، ދުނިޔޭގައި މިހާރު ނެތް މީހުންގެ ނަންތަކުވެސް ހިމެނޭ ކަމަށް ކައުންސިލުން ބުނެފިއެވެ.

"މިއީ މަޑަވެލީ ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކަށް އޮޅުވާލައިގެން ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް" ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. ތިނަދޫ ސިޓީ ކައުންސިލްގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އޮޅުވާލައިގެން ހިމެނުނު ނަންތައް ވަގުތުން ތިނަދޫ ރަޖިސްޓްރީއިން އުނިކޮށް، މަޑަވެލީގެ ރަށްވެހިންގެ ރަޖިސްޓްރީގައި އަލުން ހިމަނައިދިނުމަށް ގޮވާލައިފިއެވެ. އަދި ޒިންމާވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށްވެސް އިލްތިމާސްކޮށްފިއެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދަން 2023 ގައި އެ ރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށް، މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ދެމުންދެއެވެ. ދައުވާގައި ބުނާގޮތުން، ތިނަދޫގައި 10,000 މީހުންގެ އާބާދީ އޮތްކަން ދެއްކުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވި ސިޓީގައި އެހެން ރަށްރަށުގެ މީހުންގެ ނަންތަކާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވެއެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި، އެ ލިސްޓު ފޮނުވިކަން ރެކޯޑުކުރެވިފައި ނުވާކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *