އެއާޕޯޓުތަކާ ބެހޭ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް މި އަހަރުވެސް ދެނީ 25,000 ރުފިޔާގެ ބޯނަސް ދީފިއެވެ.
އެމްއޭސީއެލްގެ ސީނިއާ މެނޭޖްމެންޓް އޮފިޝަލްއަކު މިއަދު "މާލެ ޓައިމްސް" އަށް ވިދާޅުވީ، ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށްފަހު، މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމަށް ނިންމައިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޮފިޝަލް ދެއްވާފައެއް ނުވެއެވެ. އިތުބާރުހުރި ބައެއް މަސްދަރުތަކުން ބޯނަހުގެ އަދަދު 25,000 ރުފިޔާ ކަން ޔަގީންކޮށްދިނެވެ.
އެނގިފައިވާ ގޮތުގައި، މިއަދު ހަވީރު މުސާރައާއެކު ބޯނަސް ޖަމާކޮށްދޭން ފަށައިފިއެވެ. ނަމަވެސް މޯލްޑިވްސް އިސްލާމިކް ބޭންކުގެ (އެމްއައިބީ) އެކައުންޓް ގެންގުޅޭ މުވައްޒަފުންގެ މުސާރައާއި ބޯނަސް ޖަމާވުން ލަސްވެފައިވެއެވެ.
ފާއިތުވި ހަތަރު އަހަރުވެސް އެމްއޭސީއެލުން މުވައްޒަފުންނަށް ދީފައިވަނީ 25,000 ރުފިޔާގެ ބޯނަސެވެ. ކުންފުނިން މީގެކުރިން ބުނެފައިވާ ގޮތުގައި، އަހަރީ ބޯނަސް ދެނީ އަހަރުގެ ހަ މަސްދުވަހަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސްދުވަހު ވަޒީފާގައި އުޅުމަށްފަހު ކެނޑުނު މުވައްޒަފުންނަށް، މަސައްކަތްކުރި ދުވަސްތަކަށް ބަލައިގެންނެވެ. އަޚުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް ބޯނަސް ނުދޭނެ ކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ.
އެމްއޭސީއެލަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ ކުންފުންޏެކެވެ. އެ ކުންފުނީގައި މުވައްޒަފުންނަށް މުސާރަ ދެނީ އެއްބައި ޑޮލަރުން އަދި އެއްބައި ރުފިޔާއިންނެވެ.





