އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި ދިވެހިރާއްޖެ އޮތީ ސާބިތުކަމާއެކު: ރައީސް މުޢިއްޒު

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި ދިވެހިރާއްޖެ އޮތީ ސާބިތުކަމާއެކު: ރައީސް މުޢިއްޒު

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ ހުރިހާ އަނިޔާތަކުން އެ ފަރާތްތައް ހިމާޔަތްކޮށް، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށްދިނުމުގައި ދިވެހިރާއްޖެ އޮތީ ސާބިތުކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތްކުރުމާއި، ކުށްކުރާ ފަރާތްތައް ޖަވާބުދާރީކުރުވުމުގެ އިތުރުން، ކުށްވެރިންނަށް އަދަބު ނުލިބި ދޫވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން އަމަލީގޮތުން މަސައްކަތްކުރަމުންދާ ކަމަށެވެ.

އަނިޔާގެ މައްސަލަތައް ޒިންމާދާރު ގޮތެއްގައި ރިޕޯޓުކުރެވޭނެ ނިޒާމު ހަރުދަނާކޮށް، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކާއި ޝެލްޓަރުތައް އިތުރަށް ފުޅާކުރަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ހަމައެއާއެކު، އަނިޔާ ލިބޭ ކޮންމެ ފަރާތަކަށްމެ ކަރާމާތްތެރިކަމާއި، އިންސާފުވެރިކަމާއި، ވަގުތުން ފިޔަވަޅު އެޅޭނެކަން ކަށަވަރުކުރުމަށްޓަކައި، އެންމެ ކުރީ ސަފުގައި ޚިދުމަތްދޭ ފަރާތްތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުރުން ޝަރުޢީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން،" ރައީސް ވިދާޅުވިއެވެ.

އަނިޔާ ހުއްޓުވުމަކީ އެންމެ އިސްކަންދޭ ކަމެއްކަމަށް ބުނެ، އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އަންހެނުންނަށް ހުރި ނިޒާމީ ހުރަސްތައް ނައްތާލައި، އެ ކަނބަލުންގެ ހައްގުތައް ލިބިދީ، ފުރިހަމަ ގާބިލުކަން ދެއްކޭނެ ގޮތަށް ބާރުވެރިކުރުވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކުވެސް ބިރުވެރިކަމެއް ނެތި، ހުރިހާ ބާވަތެއްގެ އަނިޔާއަކުން ރައްކާތެރިވެ ދިރިއުޅެވޭނެ ގައުމަކާއި ދުނިޔެއެއް ބިނާކުރުމަށް އެންމެން އެއްކޮށް ގުޅިގެން މަސައްކަތްކުރުމަށް ރައީސް ގޮވާލައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *