ސިޔާސީ ޖަޒުބާތުތަކަށްވުރެ ޤައުމީ އިޚްލާޞްތެރިކަން އިސްކޮށް، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، މީސްމީޑިއާ މަންސަ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި މަލާބާރީންނާ ދެކޮޅަށް ހިތްވަރުގަދަ ޖިހާދެއް ކުރެއްވި ޤައުމީ ބަޠަލު، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1 ވަނަ) ނުވަތަ ދޮންބަންޑާރައިންގެ މަތިވެރި ޤުރުބާނީގެ ހަނދާން އައުކުރެއްވިއެވެ. އަދި އެ މަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
ހުރަވީ ދުވަހުގެ ތާރީޚީ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތާއި، މި ޒަމާނުގައި މިނިވަންކަން ދިފާޢުކުރަންޖެހޭ ގޮތްތަކާމެދު ފުންކޮށް ވިސްނަންޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި ޤައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް އިސްކަންދީ، ދަރަނީގެ އަޅުވެތިކަމުގައި ފަނާވުމުގެ ބަދަލުގައި ފުދުންތެރި ފާގަތި މުސްތަޤްބަލަކަށް އަމާޒު ހިފުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މީސްމީޑިއާގައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވައި، ދިވެހިން އަބަދުމެ މިނިވަންކަމުގެ ނިޢުމަތުގައި ލެހެއްޓެވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.
ރާއްޖޭގައި ހުރަވީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ. މި ދުވަހަކީ ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭ، ދޮންބަންޑާރައިން އިސްވެ ހުންނަވައި ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ތާރީޚީ މުނާސަބަތެވެ. މި ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ބަޠަލުންގެ ޒިކުރާ އައުކޮށް، އެ ބޭފުޅުން ހޯއްދަވައިދެއްވި މިނިވަންކަމާއި ޤައުމިއްޔަތު ރައްކާތެރިކުރުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދެމެހެއްޓުމެވެ.






