އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބަޙްރައިންގައި ހުންނަ އެމެރިކާގެ އަވަހަށް އިންޒާރުދޭ ރާޑަރު ސައިޓަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާއެއް ދީފައިވާ ކަމަށް ބުނެފިއެވެ. އީރާނުން ބުނާ ގޮތުގައި މިއީ އެ ޤައުމުގެ ދެކުނުގައި ހުރި މުވާޞަލާތީ ޓަވަރަކަށް ދިން ވައިގެ ޙަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާއެކެވެ.
އައި.އާރް.ޖީ.ސީން މި ޙަމަލާ ދިންކަން އިޢުލާނުކޮށްފައި މިވަނީ، އީރާނުގެ ހުރުމުޒްގާން ޕްރޮވިންސްގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ސިރިކްއަށް ބުރާސްފަތި ދުވަހު "ޢަދާވާތްތެރިންގެ ޙަމަލާތަކެއް" އަމާޒުވި ކަމަށް އެ ޤައުމުގެ ރަސްމީ ނޫސް އޭޖެންސީ (އިރްނާ) އިން ރިޕޯޓްކުރިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.
ތަސްނީމް ނިއުސް އެޖެންސީ މެދުވެރިކޮށް އައި.އާރް.ޖީ.ސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޙަމަލާއަކީ ހުރުމުޒް ކަނޑުއޮޅީގައި ހިންގާ ވައިގެ އުދުވާނުތަކާއި ތެޔޮ ވަގަށް ނެގުމުގެ ޢަމަލުތައް ހުއްޓާލުމަށް "ޢުދުވާނީ ދުޝްމަނުންނަށް" ދިން ވަރުގަދަ އިންޒާރެއް ކަމަށެވެ. އަދި މިފަދަ އުދުވާނީ ޢަމަލުތައް ތަކުރާރުވާނަމަ، އެއްވެސް އިމެއްނެތި ރައްދުދިނުމަށް އައި.އާރް.ޖީ.ސީގެ އެއަރޯސްޕޭސް ފޯސް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ފާރސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައި.އާރް.ޖީ.ސީގެ އެއަރޯސްޕޭސް ފޯސް އިން ވަނީ ބަޙްރައިންގައި ހުރި އެމެރިކާގެ އެ ރާޑަރު އިންސްޓޯލޭޝަނަށް އަމާޒުކޮށް، އެތަން އެއްކޮށް ހަލާކުކޮށްލާފައެވެ. ނަމަވެސް، މި ޙަމަލާއާ ގުޅިގެން ވޮޝިންގޓަނުން ނުވަތަ ބަޙްރައިންގެ ވެރިރަށް މަނާމާއިން އަދި މިހާތަނަށް އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ބަޙްރައިންގެ ވެރިރަށް މަނާމާގައި ހުންނަ ނޭވަލް ސަޕޯޓް އެކްޓިވިޓީ ބޭސްއަކީ މެދުއިރުމަތީގައި އެމެރިކާގެ ކަނޑުގެ އަސްކަރީ ޙަރަކާތްތައް ހިންގާ މައި މަރުކަޒު ކަމަށްވާ ފިފްތު ފްލީޓްގެ މައި މަރުކަޒު ހުންނަ ތަނެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ވަގުތުވެސް މި މަރުކަޒަށް ޙަމަލާ އަމާޒުވެފައިވާއިރު، އަލްޖަޒީރާއިން ދިރާސާކުރި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އެ ފަހަރުވެސް ރާޑަރު ޑޯމްތަކަށާއި ބޭސްގެ އެކި ޢިމާރާތްތަކަށް ސީދާ ޙަމަލާތައް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މަސްރަޙު ގޯސްވަމުންދާތީ، އެ ސަރަޙައްދުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު މަދުކޮށް، ބައެއް ޑިޕްލޮމެޓިކް މުވައްޒަފުން އެ ޤައުމުތަކުން ފޭބުމަށް އެމެރިކާއިން މިހާރު އަންގާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.






