މާދަމާއިން ފެށިގެން ކައްކާ ގޭސް ކުރިއެކޭ އެއްގޮތަށް، ދަތިކަމެއްނެތި ލިބޭނެ ކަމަށް މޯލްޑިވް ގޭސްއިން ބުނެފިއެވެ.
ގޭހުގެ ސަޕްލައިއަށް ދިމާވި މައްސަލައަކާ ގުޅިގެން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގޭސް ވިއްކަމުން ދިޔައީ ކޮންޓްރޯލްކޮށްގެންނެވެ. އެގޮތުން 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ، އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯ ގޭސް އަޅައިދެވުނެވެ.
ނަމަވެސް ސަޕްލައިގެ މައްސަލަ މިހާރު ހައްލުވެފައިވާތީ، މާދަމާއިން ފެށިގެން ގޭސް އަޅައިދޭ މިންވަރަށް ގެނައި ބަދަލު އިއާދަކުރެވޭނެ ކަމަށް މޯލްޑިވް ގޭސްއިން ބުނެފިއެވެ.
ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް އެބަދެއެވެ. އެ މަޝްރޫއު ނިމުމުން ތިން މަސްދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވި، މިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ކުންފުނިން ބުނެފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅުވެސް ގޭސް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން، 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ފުޅި ވިއްކާފައިވެއެވެ. މިފަދަ ބަދަލުތައް ގެންނަން ޖެހެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިމާވާ ދަތިތަކުގެ ސަބަބުންނެވެ.






