ޝުކުރުވެރިވާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށާއި، ނިޢުމަތްތަކަށް ފުރަގަސްދޭ ބަޔަކަށް ގަދަފަދަ ޢަޒާބު ދެއްވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ "ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" އެވެ. ޚުޠުބާގައި ވިދާޅުވީ، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު ސިފައެއް ކަމަށްވަނީ ނިޢުމަތްތަކަށް ޝުކުރުވެރިވުން ކަމަށެވެ. އަހަރެމެންގެ މައްޗަށްވާ މާތް ﷲގެ ނިޢުމަތްތަކަކީ ގުނައި ޢަދަދުކުރެވޭހައި ގިނަ ނިޢުމަތްތަކެކެވެ.
މާތް ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ ﷲގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުމެވެ. މިއީ އަޅާގެ ދީނާއި ދުނިޔެއަށް ހެޔޮކަން ގެނެސްދޭ، އަދި ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެކެވެ. މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރަށް، އިންސާނުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމަކީވެސް އިސްލާމީ ތަރުބިޔަތުގައި ބޮޑު އަހުމިއްޔަތެއް ދީފައިވާ އަޅުކަމެއް ކަމަށާއި، ޚާއްޞަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމަށް އަމުރުކުރައްވާފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ތިމާ ދަތިހާލުގައި ވަނިކޮށް މާތް ﷲގެ ފަޟްލުވަންތަކަމުން ތަނަވަސްކަން ދެއްވިކަން ހަނދާންކޮށް، އެފަދަ ވާހަކަ މީހުންނަށް ކިޔައިދިނުން މުހިންމު ކަމަށާއި، އެއީ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވާ ކަމަށް ވިދާޅުވިއެވެ.
ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށާއި، ދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓޭނީ، ދުނިޔަވީ ކަންކަމުގައި ތިބާއަށްވުރެ ދަށުގައި ތިބި މީހުންނަށް ބަލައި، ތިބާއަށް ލިބުނު ނިޢުމަތްތަކުގެ މަތިވެރިކަން ވަޒަންކޮށްގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މީސްތަކުން ކޮށްދޭ ހެޔޮކަންކަމަށް ޝުކުރުވެރިވެ، އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވެ، ނިޢުމަތްތަކަށް ރައްކާތެރިވުމުންނެވެ.
ނިޢުމަތްތައް ހޭދަކުރަންޖެހޭނީ ޚާލިޤުވަންތަ ރަސްކަލާނގެ ރުހިވޮޑިގަންނަވާ ކަންކަމުގައި ކަމަށާއި، ނިޢުމަތްތަކަށް ޝުކުރުވެރިވުން ފުރިހަމަވަނީ އިންސާނާގެ ހިތާއި ދުލާއި ގުނަވަންތައް އެ ކަމުގައި ޝާމިލުކުރުމުން ކަމަށްވެސް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.






