ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ޤައުމެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ޕަލަސްތީނުގެ ބޮޑުވަޒީރު ޑރ.މުޙައްމަދު މުސްޠަފާއާއެކު ބޭއްވި ބައްދަލުކުރެެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ކޮޕް-31ވަނަ ސަމިޓްގެ ހަވާސާގެތެރެއިންނެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނާމެދު ދިވެހިރާއްޖެއިން ބާއްވަމުންދާ ގާތްކަމާއި ދިވެހި ރައްޔިތުން ފަލަސްތީނުގެ މިނިވަންކަމަށް ގޮވަލާ ގޮވާލުމާއި ގާތްކަމާއި އަޙުވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ފަލަސްތީނުގެ މިނިވަންކަމާއި، ރައްޔިތުންނަށް އަބުރުވެރި އިންސާފުވެރި ދިރިއުޅުމަކަށް އަބަދުވެސް އެދިވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައިކަމަށާއި، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ޤައުމެއްގެގޮތުގައިކަމަށް ރައީސް ވަނީ ޔަގީންކަން އަރުވާފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ވަކާލާތުކުރުމުގައި އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ދެމިތިބޭނެކަމުގެ ޔަގީންކަން ވަނީ ދެއްވިއެވެ.
ފަލަސްތީނުގެ މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުންކަމުގައި ވިދާޅުވާ ވިދާޅުވުން ރައީސް ތަކުރާރުކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ކަރާމާތާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިދޭންޖެހޭނެ ރައީސް ކަމަށްވެސް ވިދާޅުވިއެވެ.
ފަލަސްތީނުގެ ޙައްގުގައި ރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައިވެސް އަޑުއުފުލަމުންނެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ހޭދުކުރުމަށް އިސްރާއިލުން ދެމުންގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުއްވެރިކޮށް، އިސްރާއިލުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭނެގޮތަށް، އެކަން ޤާނުނުގައި ކަނޑައެޅުމަށް ނިންމި ނިންމުމަކީވެސް ރާއްޖެއިން މިކާމާމެދު ގެންގުޅޭ ހަރުދަނާ ސިޔާސަތު ހާމަވާ ކަމެކެވެ.






