ގައުމުތައް ގުޅިގެން ނަތީޖާ ނެރެދެވޭނޭކަން ކޮޕް ސަމިޓުން ސާބިތުކޮށްދޭންޖެހޭ

ގައުމުތައް ގުޅިގެން ނަތީޖާ ނެރެދެވޭނޭކަން ކޮޕް ސަމިޓުން ސާބިތުކޮށްދޭންޖެހޭ

ބައިނަލްއަގުވާމީގޮތުން ގުޅިގެން ކުރެވޭ މަސައްކަތްތަކުން ނަތީޖާ ނެރެދެވޭނޭކަން ކޮޕް 31 ސަމިޓުން ދައްކުވައިދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ ޔޫ.އެން.އެފް.ސީ.ސީ.ސީގެ ކޮޕް31 ސަމިޓުގައި ތަގުރީރުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވަމުންދާ މައްސަލަތަކުން އަރައިގަތުމަށް ހައްލުކުރަންޖެހޭ މުހިއްމު މައްސަލަތަކެއް އެބަހުރިކަމަށެވެ. އޭގެތެރެއިން އެއް މައްސަލައަކީ މާލީ އެހީ ލިބުމުގައި ހުރި ދަތިތައްކަމަށާއި، މޫސުމަށް ކުރާ އަސަރުތަކުން އަރައިގަތުމަށް އެންމެ މުހިއްމީ ފައިސާކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް ތަރައްޤީވެފައިވާ ޤައުމުތަކުން ފޯރުކޮށްދޭން އެއްބަސްވެފައިވާގޮތަށް މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މާލީއެހީއަކީ މުޅިން އަލަށް ފޯރުކޮށްދެވޭ، ދެމެހެއްޓެނިވި އަދި އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއަށް ވާންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ތިމާވެއްޓަށް ކުރާ އަސަރުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރާ ޤައުމުތަކަށް އެހީ ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ މާލީ ފަންޑުތައް ބޮޑުކުރަންޖެހޭކަމަށެވެ. އަދި މިއަދު މޫސުމަށް އަންނަމުންދާ ބަދަލުތަކުގައި ކުދި ޤައުމުތަކުގައި ހިއްސާ ކުޑައިރު، އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމުގެ މާލީ ބުރަ އެ ޤައުމުތަކަށް އޮވެގެން ނުވާނެކަމަށެވެ.

"ޤައުމުގެ ރައްކާތެރިކަމަށް ކުރާ މަސައްކަތުގެ ސަބަބުން ގައުމަށް ނުދެއްކޭވަރުގެ ބޮޑެތި ދަރަނިތަކެއް އިތުރުވެގެން ނުވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަޤްވާމީ މާލީ ނިޒާމު އިސްލާހުކުރުމަކީ ވެސްމޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވަމުންދާ މައްސަލަތަކުން އަރައިގަތުމަށް މުހިއްމުކަމެއްކަމަށެވެ. އެގޮތުން ތިމާވެއްޓަށް އެންމެ ނުރައްކާ ބޮޑު ގައުމުތަކުގެ ހާލަތު ދެނެގަނެ، މާލީ އެހީ ފޯރުކޮށްދިނުމުގައި ހާއްސަ އުސޫލުތަކެއް ގެންގުޅެންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީ ފޯރުކޮށްދިނުމަކީ ގެއްލޭނެ ފައިސާއެއް ނޫން. އެއީ ދުނިޔޭގެ މުސްތަޤްބަލު ސަލާމަތްކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ދެކެންޖެހޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް ރާވާފައިވާ ޕްލޭންތަކަށް އަމަލީ ސިފަ ގެނައުމަކީވެސް މުހިއްމުކަމެއްކަމަށެވެ. އެގޮތުން ދިވެހިރާއްޖެއިން ދަނީ ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް މަސައްކަތްކުރަމުންކަންވެސް ރައިސް ފާހަގަކުރެއްވިއެވެ.

"ކާނާގެ ރައްކާތެރިކަމާއި، ހަކަތައާއި ފެނުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ލިބެންހުރި މަދު ވަސީލަތްތަކުގެ ބޭނުން މިދަނީ ހަރުދަނާ ގޮތެއްގައި ހިފަމުން.އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ތިމާވެއްޓާއި ރަށްޓެހި ހަކަތަ ބޭނުންކުރާ މިންބަރު މިދަނީ އިތުރުކުރަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ބޮޑެތި ކުރިއެރުންތަކެއް ރާއްޖެއިން ހޯދަމުންދާކަމަށެވެ. އެގޮތުން، މިދިޔަ މަހު ރާއްޖޭގެ ފުރަތަމަ 'ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ' އަށް ގްރީން ކްލައިމެޓް ފަންޑުގެ އެކްރެޑިޓޭޝަން ލިބިފައިވާކަމަށާއި، މިއީ އޭޝިއާގެ ކުދި ޖަޒީރާ ގައުމަކަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބޮޑެތި އަމާޒުތަކެއް ކަނޑައެޅިނަމަވެސް އެކަންކަން ހާސިލުކުރަން މަސައްކަތްނުކުރާނަމަ އެއީ ހުސް ވާހަކަތަކެއްކަމަށެވެ. އަދި ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވެ، ނަތީޖާ ނެރުމަށް މާލީގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އަދި ސިޔާސީގޮތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑު ޤައުމަކަށްވާއިރު، ރާއްޖެއިން އެދެނީ އެހެން ޤައުމުތަކުގެ ހަމްދަރުދީއެއް ނޫންކަމަށާއި، ރާއްޖެއިން ގޮވާލަނީ ބައިނަލްއަޤްވާމީ މުޖްތަމައުޢިން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށްކަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީގޮތުން ގުޅިގެން ކުރެވޭ މަސައްކަތްތަކުން ނަތީޖާ ނެރެދެވޭނޭކަން ކޮޕް 31 ސަމިޓުން ދައްކުވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ގޮވާލެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *