އީރާނުގެ ވެރިކަން ފުރޮޅާލަން ނުކުތް ނަތަންޔާހޫއާ ޓްރަމްޕްގެ ވެރިކަން ގެއްލެނީ؟

އީރާނުގެ ވެރިކަން ފުރޮޅާލަން ނުކުތް ނަތަންޔާހޫއާ ޓްރަމްޕްގެ ވެރިކަން ގެއްލެނީ؟

އީރާނުގެ ވެރިކަން ބަދަލުކޮށް، އެ ޤައުމުގެ އަސްކަރީ އަދި ނިއުކްލިއަރ ބާރު ނައްތާލުމަށް އެމެރިކާއާއި އިސްރާއީލު ގުޅިގެން ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދެމުންދިޔަ ނަމަވެސް، އީރާނުގެ އިސްލާމީ ވެރިކަން ދެމިއޮވެ، ހަނގުރާމަ ފެށި ދެ ޤައުމުގެ ލީޑަރުންގެ ސިޔާސީ މުސްތަޤުބަލާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ. އީރާނުގެ އިސް ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ނަމަވެސް، އީރާނުގެ ވެރިކަމުގެ ނިޒާމު ފުނޑުފުނޑު ނުވެ ވަރުގަދަކޮށް ދެމިއޮތްކަން މުހައްލިލުން ފާހަގަކުރެއެވެ.

އަނެއްކޮޅުން، އީރާނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރެއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަނީ ސިޔާސީ ގޮތުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ނޮވެމްބަރު 2026 ގެ މިޑްޓާމް އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ވަނީ ކޮންގްރެސްގެ މެޖޯރިޓީ ގެއްލި، ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހިފައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި އެމެރިކާގެ އާންމު ރައްޔިތުން ނުރުހުން ފާޅުކޮށްފައިވަނީ އިޤްތިޞާދަށް ކުރި ނޭދެވޭ އަސަރުތަކާއި، އީރާނާއެކު ފެށި ހަނގުރާމައިގެ ސަބަބުންނެވެ. އިދިކޮޅު ފަރާތްތަކުން މި ބަލި ސިފަކޮށްފައިވަނީ ޓްރަމްޕްގެ ދެވަނަ ދައުރުގެ ސިޔާސަތުތަކަށް އެޅުނު ވަރުގަދަ ހުރަހެއްގެ ގޮތުގައެވެ.

އިސްރާއީލުގައި ވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ދެމެހެއްޓުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ފަހުން ބޭއްވުނު އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން ބޮޑެތި ކާމިޔާބީތަކެއް ހޯދުމާ ގުޅިގެން، ކޯލިޝަން އެކުލަވާލުމުގެ މަޝްވަރާތައް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އިސްރާއީލުގެ ސެންޓަރ-ލެފްޓް ލީޑަރު ޔާއިރު ގޯލަން ފަދަ ބޭފުޅުން ވިދާޅުވަނީ ވޮޝިންގޓަނާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި އިސްރާއީލު އެކަހެރިވެ، އެތެރޭގެ ސިޔާސީ ބައިބައިވުން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

އީރާނުގެ ވެރިކަން ފުރޮޅާލުމަކީ ހަމައެކަނި އަސްކަރީ ބާރުން ނުވަތަ ވަކި ލީޑަރަކު ނައްތާލައިގެން ކުރެވޭނެ ކަމެއް ނޫންކަން މުހައްލިލުން ފާހަގަކުރެއެވެ. ލީބިޔާ، އިރާޤު އަދި ސޫރިޔާއާ ޚިލާފަށް، އީރާނުގެ ވެރިކަން ބިނާވެފައިވަނީ ވަކި ފަރުދެއްގެ މައްޗަށް އެކަންޏެއް ނޫނެވެ. 1979 ގެ އިންޤިލާބަށްފަހު އެ ޤައުމުގައި ޤާއިމުކޮށްފައިވާ "ވިލާޔަތުލް ފަޤީހު" ނިޒާމުގެ ދަށުން، އެސެމްބްލީ އޮފް އެކްސްޕަރޓްސް އާއި ގާޑިއަން ކައުންސިލް އަދި ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) ފަދަ މުއައްސަސާތައް އެކުލެވިގެން ދައުލަތް ހިންގޭނެ ވަރުގަދަ އޮނިގަނޑެއް ވަނީ ޤާއިމުކޮށްފައެވެ.

މީގެ އިތުރުން، އީރާނުގެ ދީނީ އަދި ސިޔާސީ ފަލްސަފާ ބިނާވެފައިވަނީ "ކަރުބަލާ" ގެ ހާދިސާއިން އިބުރަތް ލިބިގަނެ، އަނިޔާވެރިކަމާ ދެކޮޅަށް ޝަހީދުވުމަކީ ކާމިޔާބީއެއް ކަމުގައި ދެކޭ އުސޫލުގެ މައްޗަށެވެ. އެހެންކަމުން، ބޭރުގެ އަސްކަރީ ހަމަލާތަކުގެ ސަބަބުން އީރާނުގެ ރައްޔިތުންގެ މެދުގައި ޤައުމީ ރޫޙު އާލާވެ، ދެކޮޅުވެރިކަން އިތުރުވުން ފިޔަވައި، ވެރިކަން ވައްޓާލުމުގެ އަމާޒަށް ވާސިލުވުމަށް އެމެރިކާއާއި އިސްރާއީލަށް ވަނީ ނުކުޅެދިފައެވެ.

އީރާނާ ދެކޮޅަށް ރޭވި ހުރިހާ ރޭވުންތަށް ފަނުފުލުންގޮސް، އީރާނުގެ ވެރިކަން ފުރޮޅާލަން ނުކުތް ޓްރަމްޕާއި ނަތަންޔާހޫ މިހާރު ތިއްބެވީ އަމިއްލަ ޤައުމުގެ ވެރިކަން ގެއްލުމުގެ ތުންފަތްމަތީގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *