ދައުލަތުގެ އިދާރާއަކުން ލިބެންޖެހި ނުލިބި ހުރި ފައިސާއެއް ވާނަމަ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހުން އެ ފައިސާ އަޅައިކެނޑޭނެ އިންތިޒާމެއް ހަމަޖައްސައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް އެކަން ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑައިދޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މި އިންތިޒާމުގެ ދަށުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ބިލްތަކަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. އެ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހު، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކުހު އަޅައިކެނޑުމަށްފަހު، ބާކީ އަދަދު އެ ފަރާތުން މީރާއަށް ދައްކަންޖެހޭނެއެވެ. އަދި ޓެކުހުގެ އަދަދު ސަރުކާރުން ދައްކަންޖެހޭ ފައިސާއަށްވުރެ ކުޑަނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކުހު އަޅައިކެނޑުމަށްފަހު، ބާކީވާ އަދަދު ސަރުކާރުން އެ ފަރާތަށް ދައްކާނެއެވެ.
ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފްސީލާއެކު، ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވެއެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތަކުން ލިބެންޖެހޭ ފައިސާ ލަސްވާއިރު، މީރާއިން ޓެކުހު ހޯދުމަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ފާޅުކުރުމުން، މިފަދަ އުސޫލެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރުގައި އިއުލާންކުރެއްވިއެވެ.





