ޖަޕާނުގައި އޮންނަ މުބާރާތަކަށްދިޔަ އިންޑިޔާގެ ފެތުންތެރިޔަކު ޖިންސީ ގޯނާގެ ތުހުމަތުގައި އަނބުރާ ގައުމަށް ފޮނުވާލައިފި

ޖަޕާނުގައި އޮންނަ މުބާރާތަކަށްދިޔަ އިންޑިޔާގެ ފެތުންތެރިޔަކު ޖިންސީ ގޯނާގެ ތުހުމަތުގައި އަނބުރާ ގައުމަށް ފޮނުވާލައިފި

ޖަޕާނުގެ ނަގޯޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ އޭޝިއަން ޕެރާ ގޭމްސްގައި ބައިވެރިވުމަށް ގޮސް އުޅުނު އިންޑިއާގެ މަޝްހޫރު ޕެރާ ފެތުންތެރިޔާ މުހައްމަދު ޝަމްސް އާލަމް ޝޭޚް، ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެން އެނބުރީ ގައުމަށް ފޮނުވާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އޮކްޓޯބަރު 19 ވަނަ ދުވަހު، އިންޑިއާގެ ޕެރާ ފެތުންތެރިން ތިބި ނަގޯޔާގެ "ފޯ ޕޮއިންޓްސް ބައި ޝެރަޓަން" ހޮޓެލްގައެވެ. ހޮޓެލްގެ ކޮޓަރިތައް ސާފުކުރުމުގެ މަސައްކަތުގައި އުޅުނު އަންހެން މުވައްޒަފަކަށް، ޝަމްސް އާލަމް ނާޖާއިޒު ފައިދާ ނަގައި ޖިންސީ ގޯނާކުރަން އުޅުނު ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

އެ މުވައްޒަފު ވަގުތުން އެ ހާދިސާ ހޮޓެލްގެ އިސްވެރިންނަށް އެންގުމާ ގުޅިގެން، މުބާރާތް އިންތިޒާމުކުރާ ކޮމިޓީން ވަނީ ޖަޕާނުގެ ފުލުހުންނާއި އިންޑިއާގެ އޮފިޝަލުންނަށް މިކަން އަންގާފައެވެ. ޖަޕާނުގެ ފުލުހުން ޝަމްސް އާލަމް ހައްޔަރުކޮށް ސުވާލުކުރުމަށްފަހު، އޭނާ މުބާރާތުގައި ވާދަކުރުމުގެ ކުރިން އޮކްޓޯބަރު 20 ވަނަ ދުވަހު ވަނީ އިންޑިއާއަށް ފޮނުވާލާފައެވެ.

އުމުރުން 40 އަހަރުގެ ޝަމްސް އާލަމް އަކީ އިންޑިއާގެ ބިހާރަށް ނިސްބަތްވާ، ބައިނަލްއަގުވާމީ ގިންތީގައި ގުޅޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެތުލީޓެކެވެ. އޭނާ ވަނީ 2018 ވަނަ އަހަރު އިންޑޮނޭޝިއާގައި ބޭއްވި އޭޝިއަން ޕެރާ ގޭމްސްގައި 200 މީޓަރު އަދި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުން ރަން މެޑަލް ހޯދާފައެވެ. އަދި 2025 ވަނަ އަހަރު އައިސްލޭންޑްގައި ބޭއްވި ރެއިކްޖަވިކް އިންޓަނޭޝަނަލް ގޭމްސްގައިވެސް އޭނާ ވަނީ އޭޝިއާގެ ރެކޯޑާއެކު ރަން މެޑަލް ހޯދާފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ޕެރަލިމްޕިކް ކޮމިޓީ (ޕީސީއައި) އިން ދަނީ އޭނާއާމެދު ފިޔަވަޅުެއެޅުމަށް ސީރިއަސްކޮށް ވިސްނަމުންނެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ހަރަކާތްތަކުން އޭނާ އުމުރަށް ސަސްޕެންޑް ކުރުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭޝިއަން ޕެރާ ގޭމްސްގެ އުސޫލުތަކާއި ކޯޑް އޮފް ކޮންޑަކްޓްގައިވާ ގޮތުން، ކުޅިވަރު މައިދާނުގެ އިތުރުން އެތުލީޓުން ތިބޭ ހޮޓެލްތަކާއި އެހެނިހެން ތަންތަނުގައިވެސް އެތުލީޓުންނާއި، މުވައްޒަފުން އަދި ވޮލަންޓިއަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޚުލާގީ މިންގަނޑުތަކަށް ހުރިހާ އެތުލީޓުންވެސް ތަބާވާންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *