ޤުރުއާނުގެ އާޔަތަކުން ދަލީލު ނަންގަވައި، މުސްލިމުންނާމެދު ތަފާތުކުރުން ބިލް ކްލިންޓަން ކުއްވެރި ކުރައްވައިފި

ޤުރުއާނުގެ އާޔަތަކުން ދަލީލު ނަންގަވައި، މުސްލިމުންނާމެދު ތަފާތުކުރުން ބިލް ކްލިންޓަން ކުއްވެރި ކުރައްވައިފި

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން، ފްލޮރިޑާގައި ބޭއްވި ދީނީ އެކުވެރިކަމުގެ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން، މުސްލިމުންނާމެދު ތަފާތުކުރުންތައް ގެންގުޅުމާއި ނަފްރަތު އުފެއްދުން ވަރަށް ބޮޑަށް ކުއްވެރިކުރައްވައިފިއެވެ.

އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ކީރިތި ގުރުއާނުގެ އާޔަތަކުން ދަލީލު ނަންގަވައި، އެކި ނަސްލުތަކާއި ދީންތަކުގެ މީހުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"މަލްޓިޕްލް ފެއިތުސް، ވަން ފްލޮރިޑާ" ގެ ނަމުގައި ބޭއްވި މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ކްލިންޓަން ވިދާޅުވީ، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ބަދަލުގައި، އެހެން ދީންތަކުގެ މީހުންނަށް، ޚާއްސަކޮށް މުސްލިމުންނަށް ނިކަމެތިކޮށް ހިތައި ތަފާތުކުރުންތައް ގެންގުޅޭތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

މި ޖަލްސާގައި ކްލިންޓަން ވަނީ ކީރިތި ގުރުއާނުގެ ސޫރަތުލް ޙުޖުރާތުގެ 13 ވަނަ އާޔަތުގެ މާނަ ވިދާޅުވެދެއްވާފައެވެ. އެ އާޔަތުގައި ވަނީ، އިލާހީ ޙިކުމަތާއެކު އިންސާނުން ތަފާތު ގައުމުތަކާއި ގަބީލާތަކަށް އުފެއްދެވީ އެކަކު އަނެކަކު ދެނެގަނެ، ގުޅުން ބަދަހިކުރުމަށްޓަކައި ކަމަށެވެ.

"އިންސާނުން އެކި ގައުމުތަކަށާއި ގަބީލާތަކަށް އުފެއްދެވީ އެކަކު އަނެކަކާ ދެކޮޅުވެރިވެ ނަފްރަތުކުރުމަކަށް ނޫން. އަދި އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ދެނެގަތުމަށްޓަކައި،" ގުރުއާނުގެ މެސެޖަށް އަލިއަޅުއްވާލައްވަމުން ކްލިންޓަން ވިދާޅުވިއެވެ.

މި ވާހަކަފުޅުގެ ތެރެއިން ކްލިންޓަން ވަނީ އެމަނިކުފާނުގެ ދަރިކަނބަލުން ޗެލްސީ ކްލިންޓަންގެ ހަނދާންތަކެއް އާކުރައްވާފައެވެ. ކްލިންޓަން ވިދާޅުވި ގޮތުގައި، ޗެލްސީގެ އުމުރުން 15 އަހަރުގައި ކީރިތި ގުރުއާން އެކީގައި ކިޔަވައިވިދާޅުވި ކަމަށާއި، މި އާޔަތުގެ މާނައާއި އޭގައިވާ މުހިންމު އިރުޝާދު އެންމެ ފުރަތަމަ އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސްދިނީ ދަރިކަނބަލުން ޗެލްސީއެވެ.

ކްލިންޓަން އިތުރަށް ވިދާޅުވީ، ސިޔާސީ ނުވަތަ ދީނީ މަންފާއަށްޓަކައި މުޖުތަމައުތަކުގެ މެދުގައި ބައިބައިވުން އުފައްދައި، ނަފްރަތުގެ އޮއިވަރެއް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސުލްހަވެރި މުޖުތަމައެއް ބިނާކުރެވެނީ އެކަކު އަނެކަކުގެ ދީނަށާއި އެކަކު އަނެކަކުގެ ތަފާތުތަކަށް އިޙްތިރާމްކޮށްގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *