ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް 22،000 ރުފިޔާގެ އެލަވަންސެއްދޭމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މަޖިލިސް ރައީސް އަށް އެ އެލެވަންސް ދޭން ކޮމިޓީއަށް ހުށަހެޅުއްވީ، ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް އެވެ. ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހުއެވެ.
މި ހުށަހެޅުންތައް ތަފްސީލް ކޮށްދެމުން ކޮމިޓީގެ އިދާރީމޭޒުން ބުނީ، އެ ބަދަލަކީ މަޖިލިސް ރައީސް އާއި ނާއިބު ރައީސް އާއި މެންބަރުންގެ މެދުގައި އުފެދިފައިވާ މުސާރައިގެ ފަރަގު ހަމަޖެހިގެންދާނެ އިސްލާހެއް ކަަމަށެވެ.
މަޖިލީހުގެ ރައީސަށް މިހާރު ލިބެނީ 73125 ރުފިޔާ ކަމަށާއި ނައިބް ރައީސަށް 91،000 ރުފިޔާ ކަމަށާއި މެންބަރުންނަށް ލިބެނީ ކޮމިޓީ އެލަވަންސާއެކު 82،500 ރުފިޔާ ކަމަށް އިދާރީ މޭޒުން ބުންޏެވެ.
ނަމަވެސް 22،000 ރުފިޔާގެ އެލަވަންސެއް މަޖިލިސް ރައީސަށް ހަމަޖެއްސުމުން، މަޖިލިސް ރައީސަށް 95125 ރުފިޔާ، ނައިބު ރައީސަށް 91000 އަދި މެންބަރުންނަށް ލިބޭނީ 82500 ރުފިޔާކަމުން އެ ފަރާތްތަކުގެ މުސާރައިގެ ފަރަގު ތަފާތުވެގެންދާނެ ކަަމަށްވެސް ބުންޏެވެ.
މި ބަދަލު ގެންނަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު ހަނިމާދޫ ދާއިރާގެ އަބްދުލްގަފޫރު މޫސާ ވަނީ ދެކޮޅު ހައްދަވައިފައެވެ.
ގަފޫރު ވިދާޅުވީ ދުނިޔޭގެ މަސްރަހު މިވަގުތު ހުރިގޮތުން އެއީ ކުރަން ރަނަގަޅު ކަމެއް ނޫން ކަމަށާއި އެކަމަށް ގަބޫލު ނުވެވޭނެ ކަަމަށެވެ.
ނަމަވެސް މި މައްސަލައަށް ބަހުސް ކުރެއްވުމަށްފަހު، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ތާއީދު ކުރައްވައިގެން މަޖިލިސް ރައީސަށް އެ އެލަވަންސް ހަމަޖައްސަން ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގން މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.






