ޒުވާން ޖީލުތަކަށް މަގުދައްކައިދިނުމުގައި ޓީޗަރުން އަދާކުރާ ދައުރު ވަރަށް މުހިންމު: ރައީސް

ޒުވާން ޖީލުތަކަށް މަގުދައްކައިދިނުމުގައި ޓީޗަރުން އަދާކުރާ ދައުރު ވަރަށް މުހިންމު: ރައީސް

ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ޒުވާން ޖީލުތަކަށް މަގުދައްކައި ދިނުމުގައި މުދައްރިސުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވަނީ، މުދައްރިސުންގެ އިލްމީ ގާބިލުކަމާއި ނުގުޑާ އަޒުމާއި، ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި އެ ބޭފުޅުން ކުރައްވާ މިންނެތް މަސައްކަތުގެ އަގު ވަޒަންކުރައްވާފަ އެވެ. އަދި ގައުމުގެ މުސްތަގުބަލަށްޓަކައި މުދައްރިސުން ވަމުންދާ މަތިވެރި ގުރުބާނީ އާއި އަގުހުރި ހިދުމަތަށް އެމަނިކުފާނު ވަނީ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، މުދައްރިސުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމުކޮށްދިނުމަކީ ޒިންމާއެއް ކަމަށެވެ. އެގޮތުން، މުދައްރިސުންގެ ދުޅަހެޔޮކަމަށާއި މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި، ވަޒީފާގެ މާހައުލު ރަނގަޅު ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން، ހުރިހާ ކުދިން ޝާމިލުކުރާ ތައުލީމީ ނިޒާމެއް ހަރުދަނާކޮށް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައިދިނުމުގައި މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

"މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ، ދަރިވަރުންނާއި މުޅި ގައުމުގެ ކުރިއެރުމުގެ ބިންގާ ވަރުގަދަކުރުން،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، އުނގަންނައިދިނުމުގެ މާތް ފަންނުގެ އަގުވަޒަންކޮށް، މުދައްރިސުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށާއި، ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ކިބައިގައިވާ ހުނަރުތައް އެންމެ ފުރިހަމައަށް ތަރައްގީކުރާ ކުއްޖަކަށް ހެދުމަށްޓަކައި، މުދައްރިސުންނަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ލިބިދޭ ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *