އޭއެފްސީން އެފްއޭއެމްގެ ދަރަނި މައާފުކޮށްދީ، މާލީ ސަސްޕެންޝަން އުވާލައިފި

އޭއެފްސީން އެފްއޭއެމްގެ ދަރަނި މައާފުކޮށްދީ، މާލީ ސަސްޕެންޝަން އުވާލައިފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ދައްކަން އޮތް ދަރަނި މައާފުކޮށްދީ، އަޅާފައިވާ ފައިނެންޝަލް ސަސްޕެންޝަން އުވާލައި އިތުރު ލުއިތަކެއް ދީފިއެވެ.

އެފްއޭއެމް އިން ހާމަކުރި ގޮތުގައި، އެ އެސޯސިއޭޝަނަށް އޭއެފްސީން އަޅާފައިވާ ފައިނެންޝަލް ސަސްޕެންޝަންގެ ފިޔަވަޅު އުވާލައި، އޭއެފްސީއަށް ދައްކަން އޮތް 253,030 ޑޮލަރު (3.9 މިލިއަން ރުފިޔާ) ވަނީ މައާފުކޮށްދީފައެވެ. މި ދަރަންޏަކީ 2023 ވަނަ އަހަރު އޭއެފްސީން އެފްއޭއެމަށް އެހީގެ ގޮތުގައި ދިން ފައިސާ، އޭރުގެ ލީޑާޝިޕުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަން އޮޑިޓުން ފާހަގަވުމާ ގުޅިގެން އަނބުރާ ދައްކަން އެންގި ފައިސާއެވެ. މި މައްސަލައިގައި 2024 ވަނަ އަހަރުން ފެށިގެން އޭއެފްސީން ވަނީ އެފްއޭއެމަށް ދޫކުރާ ފަންޑުތައް ސަސްޕެންޑުކޮށްފައެވެ.

އެފްއޭއެމްގެ ކުރީގެ ވެރިންގެ އަމަލުތަކުގެ ސަބަބުން ދިވެހި ފުޓުބޯޅަ ވެއްޓުނު އަނދަވަޅުން ސަލާމަތްކުރުމަށް އެފްއޭއެމްގެ އައު ލީޑާޝިޕުން ކުރި މަސައްކަތުން، މި ފަންޑިން ސަސްޕެންޝަން އުވާލައި ދަރަނި މައާފުކޮށްދިނުމަށް އޭއެފްސީގައި އެދުނެވެ. އެ އެދުމަށް އިޖާބަދީ އޭއެފްސީގެ އެގްޒެކިއުޓިވް ކޮމިޓީން ވަނީ ދަރަނި މައާފުކޮށްދިނުމުގެ އިތުރުން، އަންނަ އަހަރުން ފެށިގެން އެ ފެޑެރޭޝަނުގެ މާލީ އެހީތެރިކަމުގެ ޕްރޮގްރާމަށް ރާއްޖެއަށް ކުރިމަތިލެވޭނެ ކަމަށް ނިންމާފައެވެ.

މި ނިންމުމަކީ ދިވެހި ފުޓުބޯޅަ އަލުން އާރާސްތުކޮށް، މާލީގޮތުން ހަމައަކަށް އަޅުވައި، ކުރިއަށް އޮތް ތަނުގައި އޭއެފްސީގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް ލިބުނު މުހިންމު ފިޔަވަޅެއް ކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގެ ދުވަސްވަރު އޭއެފްސީގެ އިތުރުން ފީފާއިން ދިން އެހީގެ ފައިސާއަށް ވެސް ވަނީ ޚިޔާނާތްތެރިވެފައެވެ. އެގޮތުން 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި 10,000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކުރުމާއި، ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާއިން އެޕާޓްމަންޓެއް ގަތް މައްސަލައިގައި ޚިޔާނާތާއި މަނީ ލޯންޑްރިންގ ސާބިތުވެ ބައްސާމް މިހާރު ދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި ފީފާއިން ވަނީ ބައްސާމް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އުމުރަށް ސަސްޕެންޑްކޮށް 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *