ކާދަރު ޚާންގެ ހަޔާތުގެ ފަހުގެ ދުވަސްތަކާއި، ބޮލީވުޑުން ފެނުނު އެކަނިވެރިކަން

ކާދަރު ޚާންގެ ހަޔާތުގެ ފަހުގެ ދުވަސްތަކާއި، ބޮލީވުޑުން ފެނުނު އެކަނިވެރިކަން

ބޮލީވުޑްގެ އެންމެ މަގުބޫލު އަދި ކާމިޔާބު އެއް ތަރި ކެމެރާތަކާ ދުރަށް ޖެހިލުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ހިންދީ ސިނަމާގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް އެކްޓަރު އަދި ޑައިލޮގް ރައިޓަރު ކާދަރު ހާންގެ ފަހުގެ ދުވަސްތަކާ ބެހޭގޮތުން އޭނާގެ އާއިލާއިން ހިއްސާކުރި ވާހަކަތަކުން މިސުވާލަށް ވަނީ ފުން އަސަރަކާއެކު ޖަވާބުު ލިބިފައެވެ.

300 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށް، މަޖާ، އަސަރުގަދަ އަދި ތަފާތު އެތައް ރޯލަކުން ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ކާދަރު ހާން ނިޔާވީ 31 ޑިސެމްބަރު 2018 ގައެވެ.

އޭނާ ނިޔާވީ ސިއްހީ ފަރުވާއަށް ކެނެޑާގެ މިސިސާގާއަށް ބަދަލުވެ، އެގައުމުގައި ދިރިއުޅެމުން ދަނިކޮށެވެ. ކާދަރު ހާންގެ އަނބިކަނބަލުން އަޒްރާ ހާން ގެ ތިން ދަރިންކަމަށްވާ ގުއްދޫސް ހާން، ސަރުފަރާޒް ހާން އަދި ޝާހްނަވާޒް ހާން ތިން ފިރިހެން ދަރިން ވެސް ދިރިއުޅުނީ ކެނެޑާގައެވެ.

ކާދަރު ހާން ނިޔާވުމަށްފަހު، އޭނާގެ ދަރިފުޅު ސަރުފަރާޒް ހާން ވަނީ ބައްޕަގެ ފަހު ދުވަސްތަކާ ބެހޭގޮތުން ތެދުވެރިކަމާއެކު ވާހަކަދައްކާފައެވެ. ސަރުފަރާޒް ހިއްސާކުރި ގޮތުގައި، ބައްޕަ މަސައްކަތް ހުއްޓާލައި ކެނެޑާއަށް ބަދަލުވިފަހުން، ފިލްމީ އިންޑަސްޓްރީގެ ވަރަށް މަދު ބަޔަކު ނޫނީ އޭނާއަށް ގުޅައި ހާލުބަލާފައި ނުވާތީ އެކަމުގެ ހިތާމައާއި މާޔޫސްކަން އާއިލާއަށް ލިބުނެވެ.

އަދި ކާދަރު ހާން ނިޔާވުމާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިން އާންމުކުރި ތައުޒިޔާގެ މެސެޖުތަކަށް އިޝާރާތްކޮށް ސަރުފަރާޒް ބުނީ، ބައްޕަގެ ބަލިހާލަތު ބޮޑުވެގެން ދިޔަ ދިގު މުއްދަތުގައި އެއްވެސް ގުޅުމެއް ނެތުމަށްފަހު، އެފަދަ ބަސްތައް އަޑުއެހުން ބަލައިގަންނަން އުނދަގޫވި ކަމަށެވެ.

ސަރުފަރާޒްގެ މިއުދާސްތަކުން ހާމަވެގެންދިޔައީ މިލިއަން ގުނަ ސަޕޯޓަރުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ތަރިއެއްގެ ފަހު ދުވަސްތަކުގައި އާއިލާއިން އުފުލި ފުން ހިތާމައެވެ.

އޭނާ ވަކިވެދިޔަތާ އަހަރުތަކެއް ވެފައިވީ ނަމަވެސް، ކާދަރު ހާން ކުޅެފައިވާ ކެރެކްޓަރުތަކާއި އަސަރުގަދަ ޑައިލޮގްތައް މިއަދުވެސް ބޮލީވުޑްގެ ތާރީޚުގައި ދިރިހުއްޓެވެ. އޭނާ ދޫކޮށްދިޔަ ފުރިހަމަ ފިލްމީ ތަރިކައަކީ އަންނަން އޮތް ޖީލުތަކަށްވެސް ފެންނަން އޮންނާނެ މުއްސަނދި ތަރިކައެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *