މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ ނޫ އިޤްތިޞާދާ ގުޅޭ ދެދުވަހުގެ ފަންނީ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައެވެ.
ސަފީރު ވިދާޅުވީ، ނޫ އިޤްތިޞާދުގެ ދާއިރާއިން ޗައިނާ-ރާއްޖޭގެ ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މިހާރުވެސް ރާއްޖޭގެ ބައިވެރިންތަކެއް، މަސްވެރިކަމުގެ އުފެއްދުންތަކާއި މަސް އާލާކުރުމުގެ ދާއިރާގެ ސެމިނަރއެއްގައި ބައިވެރިވަމުންދާ ކަމަށެވެ. މިދިޔަ އަހަރު ޗައިނާގެ ތަޖުރިބާކާރުން ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީނެއްވެސް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
"މިކަމުގެ ސަބަބުން ޗައިނާގެ ބޮޑު ބާޒާރު ދިވެހި މަހުގެ އުފެއްދުންތަކަށް ހުޅުވިގެން ދިޔަ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކްސްޕޯޓު އިތުރުވެފައިވޭ. އެކަމަކު މިއީ ހަމައެކަނި ވަރަށް ކުޑަ ފެށުމެއް، އަދި ވަރަށް ބޮޑު ފުރުސަތެއް،" ސަފީރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހި ކަނޑުމަހުގެ ގިނަ އުފެއްދުންތަކެއް ޗައިނާގެ ބާޒާރަށް 0 އިންސައްތަ ޓެރިފެއްގައި ބޭރުކުރެވޭ ކަމަށާއި، މިއީ މި ސިނާޢަތަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށް ސަފީރު ސިފަކުރެއްވިއެވެ. މިކަމުގެ ސަބަބުން ނޫ އިޤްތިޞާދު ތަރައްޤީވެ، ދިވެހި ޒުވާނުން މި ދާއިރާއާ ގުޅޭނެ ކަމަށްވެސް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.





