އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލިސްގެ ޑައުންޓައުންގައި ހުންނަ ފެންވަރު ރަނގަޅު އެޕާޓްމަންޓެއް ފެޑަރަލް އޭޖެންޓުން ރެއިޑްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ރަނުން ޕްލޭޓްކޮށްފައިވާ ޕިސްޓޯލް އަދި ކުޑަ ކިނބުލެއް އަތުލައިގަނެފިއެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ފެޑަރަލް އޮފިޝަލުން ވަނީ ޢުމުރުން 27 އަހަރުގެ މާވިން އެންޖެލީޓޯ އާއި 26 އަހަރުގެ ސޫޒަން ގޮންޒާލެސް ހައްޔަރުކޮށްފައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި އެޕާޓްމަންޓް ބަލައިފާސްކުރުމުގެ ތެރޭގައި 42.6 ކިލޯގްރާމްގެ ފެންޓަނިލް (ގުޅަ އާއި ޕައުޑަރު)، 1 ކިލޯގްރާމްގެ ހެރޮއިން އަދި 7.2 ކިލޯގްރާމްގެ ކޮކެއިން ފެނިފައިވެއެވެ.
އޭގެ އިތުރުން، އެޕާޓްމަންޓުގެ ކިޗަން ކައުންޓަރު މަތިން ރަނުން ޕްލޭޓްކޮށްފައިވާ "ޑެޒަޓް އީގަލް .50-ކެލިބާ" ގެ ޕިސްޓޯލަކާއި، ގޭޭގެ ކޮރިޑޯ ކްލޮޒެޓް ތެރެއިން AR-15 މާކްގެ ރައިފަލެއް އަދި ފުލުހުން ބޭނުންކުރާ ކަހަލަ ރޭޑިއޯއެއް ފެނިފައިވެއެވެ. އަދި ޓޭންކެއް ގެ ތެރޭގައި ގެންގުޅުނު ކުޑަ އެލިގޭޓަރެއް ވެސް ވަނީ ފެނިފައެވެ. މި އެލިގޭޓަރު މިހާރު ވަނީ ޔޫ.އެސް ފިޝް އެންޑް ވައިލްޑްލައިފް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ތަން ހޯދާފައިވަނީ 500،000 ފެންޓަނިލް ގުޅި 125،000 އެމެރިކާ ޑޮލަރަށް ގަތުމަށް ސިއްރު މައުލޫމާތުދިން ފަރާތަކާއެކު ހެދި ޑީލެއްގެ ތެރެއިންނެވެ.
މި ދެ މީހުންގެ މައްޗަށް ވެސް ވަނީ މަސްތުވާތަކެތި ވިއްކުމުގެ ނިޔަތުގައި ގެންގުޅުނުކަމުގެ ދައުވާ އުފުލާފައެވެ. ކުށް ސާބިތު ވެއްޖެނަމަ، ދެ މީހުންނަށްވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.






