މުމްބާއީގައި ހުންނަ އަންބާނީ އާއިލާގެ އަމިއްލަ ގޭ "އެންޓިލިއާ" ގައި ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން، ރިލަޔަންސް އިންޑަސްޓްރީޒްގެ ޗެއާޕާސަން ނީތާ އަންބާނީ އަޅައިގެން ހުރި ރީތި، އަގުބޮޑު ރަން ހާރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
މި ހާރުގައި ގިނަ އަދަދެއްގެ މުތް ،ރޫބީ އަދި އަގުބޮޑު އަލިމަސް ބޭނުން ކޮށްފައިވެއެވެ. މި ހަފްލާގައި އިންޑިއާގެ ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި، ސިޔާސީ ބޭފުޅުންގެ އިތުރުން ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ހަފްލާގެ ތެރެއިން ނީތާ އަންބާނީ ފެނިގެންދިޔައީ އޮރެންޖު އަދި ފިޔާތޮށި ކުލައިގެ ރީތި ސިލްކް ސާރީއެއްގައެވެ. ނަމަވެސް އިންޓަނެޓާއި ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ އޭނާ އަޅައިގެން ހުރި ޚާއްޞަ ބޮޑު ރަން ހާރުގެ ވާހަކައެވެ.
އަމްބާނީ އާއިލާއިން މި ހާރުގެ އަސްލު އަގު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ލަގްޒަރީ ގަހަނާ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މީގެ އަގު 10 ކްރޯޑް ރުޕީސް އާއި 100 ކްރޯޑް ރުޕީސްއާ (ގާތްގަނޑަކަށް 1.2 މިލިއަން އާއި 12 މިލިއަން އެމެރިކާ ޑޮލަރާ) ދެމެދުގެ އަދަދަކަށް އަރާނެއެވެ.
އަންބާނީ އާއިލާއަކީ ކޮންމެ އަހަރަކުވެސް އެކި ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އާއިލާއެކެވެ. މި އަހަރުގައި މި ބޭއްވި ހަފްލާގައިވެސް އާއިލާގެ މެންބަރުންގެ ފެޝަނާއި ގަހަނާތަކަށް މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.






