ކ. އަތޮޅުން މަހަށް ނުކުމެ އުޅުނު މަސްދޯންޏަކަށް، މާވަހަރުގެ ބާވަތެއް ކަމަށްވާ "ހުދަންބަރު" ގެ ގޮތުގައި ބެލެވޭ އަގުބޮޑު އެއްޗެއް ފެނިގެން ހޮވައިފިއެވެ.
މި އެތި ހޮވާފައިވަނީ ކ. ގުޅިއަށް ނިސްބަތްވާ "ހަލިފާ" ނަމަކަށް ކިޔާ މަސްދޯންޏަކުންނެވެ. މި ދޯންޏަށް މާވަހަރު ފެނިފައިވަނީ މީގެ ދެ ދުވަހެއްވަރު ކުރިން، އއ. ތޮއްޑޫއާ ދިމާ ބޭރުން ގާތްގަނޑަކަށް 30 މޭލު ބޭރު ކަނޑުމަތީގައި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކަނޑުމަތިން އޮޔާދަނިކޮށް ފެނުނު މި މާވަހަރުގެ ބަރުދަނުގައި ގާތްގަނޑަކަށް 10 ވަރަކަށް ކިލޯ ހުއްޓެވެ. އަދި ހުދަންބަރެއްގައި ހުންނާނެ ކަމަށް ބުނާ މައިގަނޑު ހުރިހާ ސިފަތަކާއި އަލާމާތްތަކެއް އޭގެއިން ފެންނަން ހުރި ކަމަށް ދޯނީގެ ފަރާތުން މަޢުލޫމާތު ދެއެވެ.
މި އެތި މިހާތަނަށް ބެލި ތަޖުރިބާކާރު ގިނަ ފަރާތްތަކުން ވެސް ބުރަވަނީ މިއީ އަސްލު ހުދަންބަރެއް ކަމަށެވެ. ނަމަވެސް، މިފަދަ ތަކެތީގެ އަސްލު ދެނެގަތުމަށްޓަކައި ހަދަންޖެހޭ ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ހުދަންބަރަކީ މާވަހަރުގެ ބާވަތްތަކުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުފެންނަ، ބައިނަލްއަޤްވާމީ ބާޒާރުގައި ވަރަށް ބޮޑު އަގު ލިބޭ އަގުހުރި އެއްޗެކެވެ. މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން މަސްވެރިންނަށް މިފަދަ އަގުބޮޑު މާވަހަރާއި ހުދަންބަރު ފެނިފައިވެއެވެ.






