ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ދެމިއޮންނައިރު، ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އަބަދުވެސް އިސްކުރާނީ ޤައުމީ މަސްލަހަތު ކަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލިސް (ކޮންގްރެސް) ގެ އިފްތިތާޙީ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ ފައްޓަވައިދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ޕާޓީގެ މަތީ މަޖިލީހަކީ ކުރިމަގު ބައްޓަންކުރުމަށާއި ޤައުމުގެ ތަރައްޤީގައި ޕާޓީގެ ދައުރު އިތުރަށް ފުޅާކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ މަންސައެއް ކަމަށެވެ. އަދި ބައިވެރިވާ ހުރިހާ މަންދޫބުންވެސް އެއް ރޫހެއްގައި މި އަމާޒަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޕާޓީގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، 2023 ވަނަ އަހަރު ވެރިކަމަށް އައުމުގެ މަސައްކަތް ފެށިއިރު ޕާޓީގައި ތިބީ އެންމެ 3،000 މެންބަރުން ކަމަށެވެ. ނަމަވެސް މިއަދު އެ އަދަދު ގާތްގަނޑަކަށް 80،000 އަށް އަރާފައިވާ ކަމަށާއި، މިއީ ހުރިހާ މެންބަރުން ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާޓީގެ މައިގަނޑު އަސާސްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ޕީއެންސީގެ ޝިއާރަކީ ހަމަޖެހުމާއި، ތަރައްޤީ އަދި ރައްކާތެރިކަން ކަމަށެވެ. އަދި ސަރުކާރުގެ އެންމެހައި ސިޔާސަތުތަކާއި ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯ ބިނާވެފައިވަނީ މި އަސާސްތަކުގެ މައްޗަށް ކަމަށް ފާހަގަކުރައްވައި، ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމުގައި ޕާޓީގެ މި ފަލްސަފާ ކުރިއަށް ނެރުމަށް ގޮވާލެއްވިއެވެ.
ސިޔާސީ މައިދާނުގައި ހިނގަމުންދާ ކަންކަމަށް އިޝާރާތް ކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްވެސް އިމެއް ނެތި ޒިންމާދާރުކަން ކުޑަގޮތެއްގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ މަސައްކަތްތަކަށް ޕީއެންސީގެ ބަދަހި ލަޝްކަރުގެ ތެރެއިން އެއްވެސް ޖާގައެއް ދީގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އޮތީ ވަރަށް ސާފު އެޖެންޑާއެއް، އެންމެ ފުރަތަމަ ޤައުމު،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ މި މަތީ މަޖިލީހުގެ ސެޝަންތައް މި ހިނގާ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.






