ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މާދަމާ ފަށާ ކޮންގްރެސްއަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ ކޮންގްރެސްއަށް ވާނެކަމަށާއި، އެހެންވެ އެހެން ޕާޓީތަކުން އެ ކޮންގްރެސްގެ ކަންކަން ބަލައި ތަޖުރިބާ ކުރަން އައުމަށް ދައުވަތު ދެއްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޕީއެންސީން ކުރިއަށް ގެންދާ ކޮންގްރެސް ފެށުމުގެ ކުރިން، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކޮންގްރެސްގައި ބައިވެރިވާ އެކި ޓީމުތަކާ ބައްދަލު ކުރައްވަމުންނެވެ. އަދުރޭ ވިދާޅުވީ، ކުރިން ބޭއްވި ސިޔާސީ ޕާޓީތަކުގެ ކޮންގްރެސްތަކުގައި ބައިވެރިވި ފަރާތްތަކާ އެ ޕާޓީގެ ރައީސުން ބައްދަލުކުރައްވާފައި ނުވި ނަމަވެސް، ރައީސް މުއިއްޒު އަމިއްލަފުޅަށް އިސްނަންގަވައިގެން ކޮންގްރެސްގައި ބައިވެރިވާ ހުރިހާ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
"ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފުވި ފަހުން މިހާތަނަށް މިކަހަލަ މަތީ މަޖިލީހެއް ބޭއްވިފައި ނޯންނާނެ. އެހެންވީމަ އަޅުގަނޑަށް ދަންނަވާލަން ބޭނުންވަނީ އެހެން ޕާޓީތަކުން ވަޑައިގެން ރަނގަޅޭ ބައްލަވާލައްވަން،" އަދުރޭ ވިދާޅުވިއެވެ.
ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ މަގާމުތަކަށް ގިނަ ބަޔަކު ވާދަކުރެއެވެ. އާއްމުކޮށް ހުޅުވާލާ 18 ގޮނޑިއަށް 73 ކެންޑިޑޭޓުންނާއި، ނައިބުރައީސް ކަމަށް 11 ކެންޑިޑޭޓުންނާއި، އަންހެނުންނަށް ހާއްސަކުރާ 10 ގޮނޑިއަށް 23 ކެންޑިޑޭޓުންނާއި، ޒުވާނުންނަށް ހާއްސަކުރާ 7 ގޮނޑިއަށް 13 ކެންޑިޑޭޓުން ވާދަކުރެއެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު 77,000 އަށްވުރެ ގިނައެވެ.






