އިންޑިއާގައި ރާ ބުއިމާއި ވިއްކުން މަނާކޮށްފައިވާ ގުޖުރާތު ސްޓޭޓުގައި، އެމްބިއުލަންސެއްގައި ގިނަ އަދަދެއްގެ ރާ އުފުލަނިކޮށް ފުލުހުން އަތުލައިގަނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ގުޖުރާތުގެ އަމްރޭލީ ސްޓްރިކްޓުގެ ބާބަރާ ތާލޫކާ ސަރަހައްދުންނެވެ. ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކާ ގުޅިގެން، ބަވްނަގަރު-ރާޖްކޯޓް ހައިވޭގައި ފާރަލަމުން ދަނިކޮށް ހުއްޓުވި މި އެމްބިއުލަންސް ތެރެއިން 1,968 ފުޅި ރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެމްބިއުލަންސްގެ ތެރެއިން ފެނިފައިވަނީ އިންޑިއާގައި އުފައްދާ ބޭރުގެ ބްރޭންޑުތަކުގެ ވިސްކީ ފުޅިތަކެކެވެ. މީގެ ތެރޭގައި 672 ފުޅި "މެކްޑަވަލްސް ނަމްބަރު 1″ އާއި 1,296 ފުޅި "ބްލެންޑާސް ޕްރައިޑް" ވިސްކީ ހިމެނެއެވެ.
ފެނުނު ރަލުގެ ޖުމްލަ އަގު 3.56 ލައްކަ އިންޑިއަން ރުޕީސް އަށް އަރައެވެ. މައްސަލައާ ގުޅިގެން އެމްބިއުލަންސް ދުއްވަން ހުރި މީހާ ވަނީ ހައްޔަރުކޮށްފައެވެ.
ގުޖުރާތަކީ ޤާނޫނީ ގޮތުން ރާ ވިއްކުމާއި ބޭނުންކުރުން އެއްކޮށް މަނާކޮށްފައިވާ ("ޑްރައި ސްޓޭޓް") ސަރަހައްދެކެވެ. ނަމަވެސް، އިމަޖެންސީ ޚިދުމަތްތަކަށް ލިބޭ އިމްތިޔާޒުގެ ނާޖާއިޒު ފައިދާ ނަގައިގެން ސިއްރުން ރާ އެތެރެކުރުމުގެ މައްސަލަތައް އަންނަނީ ފާހަގަކުރެވެމުންނެވެ.






