ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ކައުންސިލް ތަކުން ވަޒީފާ ދޭ މައްސަލަ ބަލަނީ

ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ކައުންސިލް ތަކުން ވަޒީފާ ދޭ މައްސަލަ ބަލަނީ

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ރިޑަންޑަންސީ ޕޮލިސީއާއެކު ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ބައެއް ކައުންސިލްތަކުން އިއުލާން ކުރުމަކާ ނުލައި ވަޒީފާ ދޭ މައްސަލަތަކެއް ސަމާލުކަމަށް އައިސްފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިމާލް ވިދާޅުވީ، މުވައްޒަފުން ނަގާއިރު އެލްޖީއޭގެ ހުއްދަ ހޯދަން އެންގީ، ކައުންސިލްތަކުގެ ބާރު އުނިކުރުމަށް ނޫން ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ކައުންސިލްތަކުން ވަޒީފާ ދެމުންދާ ޝަކުވާތައް ހުއްޓުވުމަށް ކަމަށެވެ.

"ނިމާލްއޭ ފެނަކައިން އިއްޔެ ވަޒީފާއިން ވަކިކުރި މުވައްޒަފު މިއަދު ކައުންސިލް އިދާރާގެ ވަޒީފާއަށް ނުކުމެއްޖެއޭ 3 މަސް ދުވަހުގެ މުސާރަ ނަގައިގެން. އިއުލާންކުރުމެއް ނެތި އެބަނަގައޭ. އެފަދަ ޝަކުވާތައް ރައްޔިތުންގެ ފަރާތުން އަންނަ ކަމަށްވަންޏާ، ސީއީއޯއަކަށް ހުންނަ މީހާގެ މަސްއޫލިއްޔަތެއް އެކަން ހަމަމަގުން ގަވާއިދުގެ ތެރެއިން ކުރިއަށްގެންދިއުމަށްޓަކައި އަންގަންޖެހޭ އެންގުންތައް އެންގުމަކީ،" އެލްޖީއޭގެ ސީއީއޯ ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ، ގަވާއިދާ އެއްގޮތަށް ކައުންސިލްތަކަށް ބޭނުންވާ މުވައްޒަފުން ނެގުމުގައި ހުރަހެއް ނޯންނާނެ ކަމަށެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް ސައިޒްކުރުމުގެ ދަށުން ވަކިކުރާ މުވައްޒަފުންނަށް 3 މަސް ދުވަހުގެ މުސާރައާއި، ވިޔަފާރި ފެށުމަށް ފަސޭހަ ލޯނު ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވީ ނަމަވެސް، ކައުންސިލްތަކުން އެ މުވައްޒަފުންނަށް ވަޒީފާ ދިނުމުގެ ސަބަބުން ޚަރަދު ކުޑަކުރުމުގެ މަޤުޞަދު ހާސިލްނުވާނެ ކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *