އުއްތަރަ ޕްރަދޭޝްގެ އައުރައްޔާ ޑިސްޓްރިކްޓްގެ ސިންގަންޕޫރު އަވަށުގައި 20 އަހަރުގެ އަންހެނަކު ރޭގަނޑުގެ ވަގުތެއްގައި ގެއްލި، އޭނާ ބަދަލުވީ ހަރުފަ އަކަށް ކަމަށް ބުނެ ފެތުރުނު އަޑުތަކުގެ ހަގީގަތް ފުލުހުން ހާމަކޮށްފިއެވެ.
ރީނާ ނަމަކަށް ކިޔާ މި އަންހެން މީހާ ގެއްލުމަށްފަހު، އޭނާގެ އާއިލާއަށް އޭނާ ނިދާ އެނދުމަތިން ފެނުނީ އޭނާ ބޭނުންކުރާ ގަހަނާއާއި، އަޅައިގެން އުޅުނު ހެދުމުގެ އިތުރުން 5 ފޫޓު ދިގު ހަރުފަ ދުއްޔެކެވެ. މި ތަކެތި ފެނުމާއެކު، އަވަށު މީހުންގެ މެދުގައި ބިރުވެރިކަން އުފެދި، ރީނާ ހަރުފައަކަށް ބަދަލުވެގެން ދިޔައީ ކަމަށް ބުނެ އަވަށުތެރޭގައި ތަފާތު ވާހަކަތައް ފެތުރެން ފެށިއެވެ.
ނަމަވެސް، މައްސަލަ ތަހުގީގު ކުރި ފުލުހުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. ސާކަލް އޮފިސަރު މަނޯޖް ގަންގްވާރާއި އެސްއެޗްއޯ އަޖޭ ކުމާރު ވިދާޅުވީ، މިއީ އެއްވެސް ކަހަލަ ޖާދޫގެ ކަމެއް ނޫން ކަމަށާއި، މިއީ އާއިލާއަށް އޮޅުވާލައި ފިލުމުގެ ގޮތުން ރޭވިގެން ހިންގާފައިވާ ކަމެއް ކަމަށެވެ.
މި މައްސަލައިގެ ހަގީގަތް ސާފުވީ، ރީނާ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯތަކަކުންނެވެ. އެ ވީޑިއޯގައި ރީނާ ބުނެފައިވަނީ އޭނާ ގެއިން ނުކުމެގެން ދިޔައީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި، އޭނާ ލޯބިވާ މީހާއާ ކައިވެނިކޮށްފައިވާ ކަމަށެވެ. އަދި ދެ އާއިލާއަށްވެސް އެއްވެސް ނުފޫޒެއް ނުފޯރުވުމަށާއި، ދެމީހުންގެ ސަލާމަތަށް އެދި އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި، ރީނާ އާއިލާއިން ހަމަޖައްސަން އުޅުނު ކައިވެންޏަކުން ރެކުމުގެ ގޮތުން، އާއިލާގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށްޓަކައި ހަރުފަ ދުލި އެނދުމަތީގައި ބޭއްވީ ގަސްދުގައެވެ.
ފުލުހުން މިހާރު ވަނީ އެ ދެމަފިރިން ތިބި ތަނެއް ހޯދައި، ރީނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ޓީމެއް ފޮނުވާފައެވެ.






