ގަވާއިދު ބަދަލުވިޔަސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެވޭނެ: އެމްއެމްއޭ

ގަވާއިދު ބަދަލުވިޔަސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެވޭނެ: އެމްއެމްއޭ

ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ބަދަލުތަކެއް ގެނައި ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ލޯކަލް ބޭންކުތަކަށް މާރުކުރަން ލާޒިމުވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލު އަންނަނީ ރިސޯޓުތަކާއި ގެސްޓްހައުސްތައް ވެސް ހިމެނޭ ގޮތަށެވެ.

މި އިސްލާހާ ގުޅިގެން، ރިސޯޓު މުވައްޒަފުންނަށް މުސާރަ ދޭން ޖެހޭނީ ރުފިޔާއިން ކަމަށް ބުނެ އާންމުންގެ މެދުގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން އެމްއެމްއޭއިން ބުނީ، އާ ގަވާއިދުގެ ދަށުން ވެސް ޑޮލަރުން މުސާރަ ދިނުން މަނާނުކުރާ ކަމަށެވެ. އެހެންކަމުން ކުރިއެކޭ އެއްގޮތަށް ރިސޯޓުތަކަށް އެ ފުރުސަތު އޮންނާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ދެއެވެ.

މަރުކަޒީ ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމާއި، ގައުމުގައި ޑޮލަރު ލިބުން ދަތިވެ އަގު އުފުލެމުންދާ މައްސަލައަށް ހައްލެއް ހޯދުމެވެ. މިކަމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ތަންފީޒީ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ވަރުގަދަކުރާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *