ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ ނިޒާމުގެ ތެރެއިން ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "އަރާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައިވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ މައިދާނުގައި އަމިއްލަފުޅަށް ހާސިލު ކުރަން ބޭނުންވި ހުރިހާ ކަމެއް މިހާރު ހާސިލުވެފައިވާ ކަމަށެވެ.
ނަމަވެސް، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަކީ އަދިވެސް އެމަނިކުފާނުގެ އެންމެ ބޮޑު ސިޔާސީ ހުވަފެން ކަމަށާއި، އެކަން ކާމިޔާބު ކުރުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި، ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ވެރިކަން ކުރަން ފެށި ފަހުން ރައީސް މުއިއްޒުހާ އިހުލާސްތެރި ވެރިޔަކު ދިވެހި ރައްޔިތުންނަށް ފެނިފައިނުވާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ރައީސް މުއިއްޒު ސިފަކުރެއްވީ ގައުމީ ވިސްނުމެއްގައި، އަދި ރައްޔިތުންގެ ހަގީގީ އަޑު އައްސަވައިގެން ވެރިކަން ކުރައްވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.
އަދި ރައީސް ވެރިކަން ކުރައްވަމުން ގެންދަވަނީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލާއި، އަދި މާތްވެގެންވާ އިސްލާމްދީނަކީ ގައުމުން ވަކިނުކުރެވޭނެ އެންމެ މުހިންމު ތަނބުތައް ކަމުގައި ދެކެވަޑައިގެން، ގައުމީ ބޮޑެތި ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، ޕާޓީ ނިޒާމުގެ ތެރެއިން ގައުމުގެ ވެރިކަން ކުރައްވާއިރު، ވެރިކަން ކުރާ ޕާޓީ ހަރުދަނާކޮށް ކުރިއެރުވުމަށްވެސް ރައީސް މުއިއްޒު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. މަޖިލީހުގެ ރައީސްކަމުގެ މަގާމާ ހަމައިން އަމިއްލަ ސިޔާސީ އަމާޒުތައް ފުރިހަމަވެފައިވާތީ، ދެން އޮތީ ސިޔާސީ މަސައްކަތްތަކާއި ރީތިގޮތުގައި ދުރަށް ޖެހިލުން ކަމަށް ވިދާޅުވަމުން، އަބްދުއްރަހީމް ތަކުރާރު ކުރެއްވީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ ތާރީޚީ ކާމިޔާބީ ދެކުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި އެންމެ ކުރީގައި ހުންނަވާނެ ކަމުގެ ޔަގީންކަމެވެ.






