ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ފަރާތްތައް ފާހަގަކޮށް، އެފަދަ ބައެއް ތަންތަން ބަންދުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާ އެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ޑޮލަރުގެ އަގު މަތިވަމުންދާ މައްސަލަ ހައްލުކުރުމަށް ހުރިހާ އިދާރާއެއް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނުން އަމަލުކުރަމުންދާ ގޮތް ބަލަމުން އަންނަކަން ފާހަގަކުރައްވައި، ގަވައިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ކަމުގެ ޝަކުވާ ލިބިގެން އެފަދަ އެއް ތަނެއް މިހާރު ބަންދުކޮށްފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
މެދުއިރުމަތީގައި އެމެރިކާއާއި އިރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު މަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ ހާލަތުގައި ވެސް ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް އެއް ޕަސަންޓް އިތުރުވެފައިވާ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
"މިހެން ހުރި ދަތިތަކާއެކުވެސް ރާއްޖޭގެ ރިޒާވް، ބޭރު ފައިސާގެ ރިޒާވް މަތި ކުރެވޭތޯ މިދަނީ މަސައްކަތްތަކެއް ކުރަމުން،" ގަވަރުނަރު ވިދާޅުވިއެވެ.
ކަޅު ބާޒާރުގައި އާދަޔާ ހިލާފަށް އަގުބޮޑުކޮށް ޑޮލަރު ވިއްކަމުންދާކަން ފާހަގަކުރައްވައި ގަވަރުނަރު ވިދާޅުވީ، އެ މައްސަލަ އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ފޮރެކްސް ގާނޫނުގެ މަޝްވަރާތައް ކަމާގުޅޭ ފަރާތްތަކާއެކު ކުރިއަށް ގެންދިޔަ ދުވަސްވަރު ކަމަށެވެ. އަދި މިގޮތަށް ބޮޑު އަގުގައި ޑޮލަރު ވިއްކާ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް ސަރުކާރާއި ތަންފީޒީ އިދާރާތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.






