ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މިދިޔަ 2025 ވަނަ އަހަރު 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
މަމްދޫހު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށް ޕްރިމިއަމް ހެލްތު އިންޝުއަރެންސް ލިބޭ ކަމަށާއި ނަމަވެސް އާދައިގެ ނިކަމެތި ރައްޔިތުން ޖެހެނީ ބޭސްފަރުވާއަށް ސަލާން ޖަހަން ކަމަށް ބުނެ މީސް މީޑިއާގައި މީހަކު ކުރި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.
މިކަމާ ގުޅިގެން މަމްދޫހު ވިދާޅުވީ، ބައެއް ސިއްހީ ހާލަތްތަކަށް ބޭނުންވާ ފަރުވާ އާސަންދައިގެ ހިދުމަތް ލިބޭ ގިނަ ހޮސްޕިޓަލްތަކަކުން ލިބެން އެބަހުރި ކަމަށެވެ. އޭނާ ވަނީ، އެފަދަ ފަރުވާ ހޯދުމަށް އާސަންދަ ކަވަރުކުރާ ހޮސްޕިޓަލްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ވަރުގަދަ ބައެއް ހޮސްޕިޓަލްތަކުގެ ނަންވެސް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ކޮއިމްބަތޫރުގެ ޖެމް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރ، ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލް، އަދި ޗެންނާއީގެ އެމްޖީއެމް ހެލްތުކެއަރ ހިމެނެއެވެ.
މެންބަރު މަމްދޫހު ވިދާޅުވީ، ވަކި ޑޮކްޓަރަކަށް ދެއްކުމަށް ނުވަތަ އާސަންދަ ނުލިބޭ ހޮސްޕިޓަލަކުން ފަރުވާ ހޯދުމަކީ ކޮންމެ ބަލިމީހެއްގެވެސް އަމިއްލަ އިހުތިޔާރެއް ކަމަށާއި، އެ ހައްގު ކޮންމެ މީހަކަށްވެސް ލިބިދީފައި އޮންނަ ކަމަށެވެ. ނަމަވެސް، އާސަންދަ ސްކީމްގެ ދަށުން މި ފެންވަރުގެ ރަނގަޅު ފަރުވާ ލިބެން ހުއްޓައި، ބޮޑު ހަރަދުކޮށްގެން އަމިއްލަ ޖީބުން ފައިސާ ދައްކައިގެން ނޫނީ މި ފަރުވާ ނުލިބޭނެ ފަދަ ތަސައްވުރެއް އާންމުންގެ މެދުގައި އުފެއްދުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހި ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މިދިޔަ އަހަރު އެކަނިވެސް ރައްޔިތުންގެ ސިއްހީ ފަރުވާއަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން މަމްދޫހު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބޭސްފަރުވާއަށް އެތައް ހާސް ޑޮލަރެއް އަމިއްލައަށް ހޯދަން މަޖުބޫރުވެފައިވާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރުވުމުގެ ބަދަލުގައި، އާސަންދައިގެ ދަށުން މިހާރުވެސް ލިބެންހުރި ފަރުވާތަކާ ބެހޭ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.






