ސައޫދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދު ގައި ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތައެމްފެޓަމީން ވިއްކައި ޕްރޮމޯޓްކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު ސައޫދީ ސެކިއުރިޓީ ބާރުތަކުން ހައްޔަރުކޮށްފިއެވެ.
ސައޫދީ އަރަބިއްޔާގެ ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ނާކޮޓިކްސް ކޮންޓްރޯލް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ މީހުންގެ އަތުން ގިނަ އަދަދެއްގެ މެތައެމްފެޓަމީން އަތުލައިގެންފައިވާ ކަމަށާއި، އެ މީހުންނާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ސައޫދީ ސަރުކާރުން ދަނީ މަސްތުވާތަކެތީގެ ވަގުފާރިއާއި، އެތަކެތި ފެތުރުމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ. އަދި މަސްތުވާތަކެއްޗާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ކަމާބެހޭ އިދާރާތަކަށް ވަގުތުން ރިޕޯޓްކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ






