ދުނިޔޭގެ އޭވިއޭޝަން ތާރީޚުގައި އާ ސަފުހާއެއް ލިޔެލަމުން، އެއްކޮށް ބެޓެރިން ހިންގާ 11 ޓަނުގެ ބޮޑު މަތިންދާބޯޓެއް 27 މިނެޓު ވަންދެން ވައިގެ ތެރޭގައި ކާމިޔާބު ދަތުރެއް ކޮށްފިއެވެ. އެމެރިކާގެ ނިއުޔޯކްގައި އޮންނަ ޕްލެޓްސްބާގް އިންޓަނޭޝަނަލް އެއާޕޯޓުން ނެގި މި ތާރީޚީ ދަތުރުގައި ކަރަންޓަށް ހޭދަވެފައިވަނީ އެންމެ 5 އެމެރިކާ ޑޮލަރު، ނުވަތަ ގާތްގަނޑަކަށް 19 ސައޫދީ ރިޔާލެވެ.
ސްވިޑަންގައި ބިންގާ އަޅައި އެމެރިކާގައި ހަރަކާތްތެރިވާ ހާޓް އެއަރޯސްޕޭސް ކުންފުނިން އުފައްދާފައިވާ "X1″ މޮޑެލްގެ މި ޑެމޮންސްޓްރޭޓަރ ބޯޓަކީ މިހާތަނަށް ދުނިޔޭގައި އުދުއްސި އެންމެ ބޮޑު އިލެކްޓްރިކް މަތިންދާބޯޓެވެ.
106 ފޫޓުގެ ފިޔަގަނޑެއް އޮތް މި ބޯޓު އުދުހުނު އިރު ބޯޓުގެ ބަރުދަނުގައި 25,000 ޕައުންޑު (11 ޓަނު) ހުރިއިރު، ވައިގެ ތެރޭގައި 1,100 ފޫޓު މައްޗަށް އަރާފައިވެއެވެ. ބޯޓު ދުއްވުމަށްޓަކައި ހަތަރު އިލެކްޓްރިކް މޮޓޯރު ބޭނުންކޮށްފައިވާއިރު، މިއިން 1 މެގަވޮޓަށްވުރެ ގިނަ ކަރަންޓުގެ ބާރު އުފެއްދިއެވެ.
އާންމުކޮށް މި ސައިޒުގެ މަތިންދާބޯޓެއް 27 މިނެޓުގެ ދަތުރެއް ކުރުމަށް 50 އާއި 60 ގެލަންއާ ދެމެދުގެ ޖެޓް ފިއުލް އަންދަންޖެހެއެވެ. ނަމަވެސް އިލެކްޓްރިކް ޓެކްނޮލޮޖީގެ ސަބަބުން ދަތުރުގެ ތެލުގެ ޚަރަދު ވަނީ އިންތިހާއަށް ކުޑަކުރެވިފައެވެ.
މިއީ ކުރިމަގުގައި ވައިގެ ދަތުރުފަތުރުގެ އަގުތައް ބޮޑުތަނުން ހެޔޮވެ، ދަތުރުވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަމަށް ހާޓް އެއަރޯސްޕޭސްގެ ސީއީއޯ އެންޑާސް ފޯސްލަންޑް ފާހަގަކުރެއްވިއެވެ.
މި X1 ބޯޓަކީ ހާޓް އެއަރޯސްޕޭސްއިން ކުރިއަށް އޮތް ތަނުގައި ނެރުމަށް ހަމަޖެހިފައިވާ 30 މީހުންގެ ޖާގައިގެ "ES-30″ ކޮމާޝަލް މަތިންދާބޯޓުގެ ސިސްޓަމްތަކާއި އެއަރޯޑައިނަމިކްސް ޓެސްޓުކުރުމަށް އުފެއްދި ބޯޓެކެވެ. އުފައްދަން ނިންމާފައިވާ ES-30 ބޯޓު ހިންގާނީ ހައިބްރިޑް-އިލެކްޓްރިކް ސިސްޓަމަކުންނެވެ. އެއީ އެއްކޮށް ކަރަންޓުން 200 ކިލޯމީޓަރަށް ދަތުރުކުރެވޭ ގޮތަށާއި، ހައިބްރިޑް މޯޑުގައި 800 ކިލޯމީޓަރަށް ދަތުރުކުރެވޭ ގޮތަށެވެ.
މި ބޯޓުގެ ބެޓެރިތައް އެންމެ 30 މިނެޓު ތެރޭގައި އެއްކޮށް ޗާޖުކޮށްލެވޭނެއެވެ. ހާޓް އެއަރޯސްޕޭސްއިން އަމާޒުހިފާފައިވަނީ 2028 ވަނަ އަހަރު ES-30 ގެ ޕްރީ-ޕްރޮޑަކްޝަން ޓެސްޓުތައް ފަށައި، 2031 ވަނަ އަހަރު އާންމު ދަތުރުފަތުރަށް މިއޭރޯޕްލޭންތައް ނެރުމަށެވެ.
މި ތާރީޚީ ޓެސްޓު ފްލައިޓާއެކު ސާބިތުވެގެންދިޔައީ ކަރަންޓުން ހިންގާ ބޮޑެތި މަތިންދާ ބޯޓުތަކަކީ ހަމައެކަނި ޚިޔާލީ ވާހަކައެއް ނޫންކަމާއި، ތިމާވެށްޓާ ރައްޓެހި، ޚަރަދު ކުޑަ އޭވިއޭޝަން ދައުރެއް ބޯމަތިވެއްޖެކަމެވެ.





