އާއިލާ މީހުން ދިރިއުޅޭ ގޭގައި ހުރި މުދަލަށް ގެއްލުންދީ، އާއިލާގެ މީހުންނަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، މުދަލަށް ގެއްލުން ދިނުމާއި އާއިލާ މީހުންނަށް އިންޒާރު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މ. އަޖަމީޕޫލް 3/މާލެ، އިސްމާއިލް ޝިފާން (40އ) އެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޝިފާން ވަނީ އޭނާގެ އާއިލާ ދިރިއުޅޭ ގޭތެރޭގައި ހުރި ތަކެއްޗަށް ގެއްލުންދީ، އެ ގޭގައި އުޅޭ މީހުންނަށް ބިރުދައްކައި އިންޒާރު ދީފައެވެ.
ކޯޓުގައި ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ އޭނާއަކީ ކުރިން މަސްތުވާތަކެތި ބޭނުންކުރި މީހެއް ނަމަވެސް، މިހާރު މަސްތުވާތަކެތި ބޭނުން ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގައިދިޔަ ގޮތް ބުނެދޭން ނޭނގޭ ކަމަށާއި، ނަމަވެސް ބައްޕައާ މާރާމާރީ ހިންގާފައި ނުވާނެ ކަމަށްވެސް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ނުވަތަ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.






