ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތުން ރާއްޖޭގެ ޝާޔާ 4 ވަނަ ހޯދައި ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތުން ރާއްޖޭގެ ޝާޔާ 4 ވަނަ ހޯދައި ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފި

ސައުދީ އަރަބިއްޔާގެ، މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ބައިނަލްއަޤްވާމީ ޤުރުއާން ހިތުދަސްކުރުމުގެ މުބާރާތުން ދިވެހިރާއްޖޭގެ އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ދުނިޔޭގެ 4 ވަނަ ހޯދައި ރާއްޖެއަށް ބޮޑު ރީތި ނަމަކާއި ޝަރަފެއް ހޯދައިދީފިއެވެ.

މިއީ ވޭތުވެދިޔަ 46 އަހަރުގެ ދިގު ތާރީޚެއް އޮތް މި މުބާރާތުގެ 46 ވަނަ ދައުރެވެ. ދުނިޔޭގެ 133 ޤައުމަކުން އެތައް ސަތޭކަ ބައިވެރިންނަކާ ވާދަކޮށް، މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު މި މުބާރާތުގެ 4 ވަނަ ހޯދުމާ ގުޅިގެން އިނާމެއްގެ ގޮތުގައި 170,000 (އެއްލައްކަ ހަތްދިހަ ހާސް) ސައޫދީ ރިޔާލް އޭނާއަށް ވަނީ ލިބިފައެވެ. މި މުބާރާތުގައި އަންހެން ބައިވެރިންނަށް ޚާއްޞަ ގޮތްޕެއް ހިމަނައިގެން ކުރިއަށް ގެންގޮސްފައިވަނީ މުބާރާތުގެ ތާރީޚުގައިވެސް އަލަށެވެ. އެހެންކަމުން މިއީ ރާއްޖެއަށް ލިބުނު ފަޚުރުވެރި އަދި ތާރީޚީ ކާމިޔާބީއެކެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްޓަކައި މިރޭ މައްކާގެ މަސްޖިދުލް ޙަރާމް (ޙަރަމްފުޅު) ގައި ވަނީ ވަރަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މި ޖަލްސާގައި ސައޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚާއި، ޙަރަމްފުޅުގެ އިމާމު އަދި ދެ ޙަރަމްފުޅުގެ ކަންކަމާބެހޭ އިދާރާގެ ރައީސް ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ ޚާއްޞަ މެހުމާނެއްގެ ގޮތުގައި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތަށްފަހު، ސައޫދީ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ އަރިހަށް ވަޑައިގެން، މި ފަޚުރުވެރި ކާމިޔާބީއަށްޓަކައި ވަރަށް ޚާއްޞަ ތަހުނިޔާއެއް ވިދާޅުވެ، ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ.

މި ކާމިޔާބީއާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، ދުނިޔޭގެ އެންމެ ވާދަވެރި އަދި އެންމެ ބޮޑު މިފަދަ ޤުރުއާން މުބާރާތަކުން ރާއްޖެ ތަމްސީލުކުރި ބައިވެރިއަކު މިފަދަ މަތީ ވަނައެއް ހޯދުމަކީ ދިވެހި މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *